14 Oct 2011, 12:23
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވި އިރު، 2007 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ ސަރުކާރުން ދިވެހި ރާއްޖެ އަށް "ވަކި ކަމަށް ދިން ފައިސާއެއް، އެކަން ނޫން ކަމަކަށް ހަރަދުކޮށްގެން" ފަރަންސޭސި ސަރުކާރުން ދިވެހި ރާއްޖެއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފަރަންސޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު ހެނދުނު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ފުރާންސުން ދިން ފައިސާއާ މެދު ކުރީގެ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތުން، އެ ބޭފުޅުން ހިތްހަމަ ނުޖެހިފައި ތިބުމުން އެފަދަ ކަމެއް ދެން ނުހިގާނެ ކަމުގެ ޔަގީންކަން ދެއްވަން ޖެހިވަޑައިގަތް ކަމަށެވެ. އަދި ކުރީގެ ސަރުކާރަށް އެ ފައިސާތައް "އެގޮތަށް" ބޭނުން ކުރެވުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް "ސަރުކާރަށް ވެފައި ހުރި ގޮތަކުން" ކަމަށެވެ.
ނަމަވެސް ފުރާންސުގެ ސަރުކާރު ދިން ފައިސާއަކީ ކޮން ކަމަކަށް ހަރަދު ކުރަން ދިން ފައިސާއެއް ކަމެއް، އަދި ކިހާ އަދަދެއްގެ ފައިސާއެއް ކަމާއި އެ ފައިސާ ބޭނުން ކުރީ ކޮން ކަމަކަށް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
"ދެހާސް ހަތް ވަނަ އަހަރުގެ ޖޫންގައި މިކަމެއް ހިނގާފައި މިހިރީ. ދެން އަޅުގަނޑު ދެންނެވި އޭރުގައި ވަރަށް ބޮޑު ހަލަބޮލި ގަނޑެއްގެ ތެރޭގައި އަޅުގަނޑުމެންގެ ފުރަތަމަ އިންތިހާބާ ]ރިޔާސީ އިންތިހާބަށް[ ދިމާއަށް ދިޔައިރުގައި އޭރުގެ ސަރުކާރަށް ވެފައި ހުރި ގޮތެކޭ އެއީ. ދެން އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނަކު އެބާވަތުގެ ކަމެއް ނުހިނގާނެ. ދެން އަޅުގަނޑު ފާހަގަކޮށް ދިނިން އަޅުގަނޑުމެން ހިންގާ ގޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަރަންސޭސީ ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ތިން ކަމަކަށް ސަރުކާރުން އަމާޒު ކުރި ކަމަށެވެ.
ފުރަތަމަ ކަމެއް ކަމަށް ވިދާޅުވީ ޕެރިސް ނައިރޯބީ އިނީޝިއޭޓިވްގައި ރާއްޖެ އިން ބައިވެރިވެފައިވުން ކަމަށާއި އެ އިނީޝިއޭޓިވަކީ މޫސުމީ ބަދަލުތަކަށް ހަރަދު ކުރުމާއި އިޔާދަ ކުރަނިވި ހަކަތައަށް ހަރަދު ކުރާ ފަންޑުގެ ބޮޑުބައެއް ކަމަށެވެ. ނަމަވެސް އެ މީހުންގެ ފަންޑް ހާއްސަ ކޮށްފައި ވަނީ އެފްރިކާ އަށް ކަމަށާއި ނަމަވެސް ރާއްޖެ އިން ވާހަކަ ދައްކައިގެން އެ އިނީޝިއޭޓިވްގައި ބައިވެރިވެ، ތަފާތު ޕްރޮޖެކްޓްތައް ހުށަހަޅައިގެން ކުރިއަށް ދެވޭ ގޮތަށް އެބައޮތް ކަމަށެވެ.
ދެވަނަ ކަމަކަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީއަށް އެކި މަސައްކަތް ކުރަމުންދާ އޭޖެންސް ފުރާންސް ޑިވެލޮޕްމަންޓް )އޭއެފްޑީ(އާކު އިތުރު ޕްރޮޖެކްޓްތަކެއް ލިބޭ ގޮތް ވެފާފައިވާ ކަމަށް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންނަށް އޮތީ ކުރީގައި ދެ ނަރުދަމައެއް، އެއީ ގދ. ތިނަދޫ ނަރުދަމާ އާއި ލ. ގަމު ނަރުދަމާ. އަދި ތިން ބަނދަރުގެ މަސައްކަތް އެބޭފުޅުންނާ އެކު އަޅުގަނޑުމެންނަށް އޮތީ ކުރީގައި އެއްބަސްވެފައި. ކުރިއަށް އިތުރު ޕްރޮޖެކްތައް ވެސް ލިބޭނެ،"
ފަރަންސޭސި ވިލާތުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ގިނަ ކުރަން ޓުއާ އޮޕަރޭޓަރުންނާ ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެއާ ފްރާންސުގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައި މަޝްވަރާކޮށް އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.