ރަސްމީކޮށް ފިލްމު ޑައިރެކްޓު ކުރަން ފަށައި، ޑައިރެކްޓަރުގެ ގޮނޑީގައި އިށީނުމަށް ފަހު ކެމެރާގެ ކުރިމަތިން ދެން ނުފެންނާނެ ކަމަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އާމިރު ބުނީ އޭނާ އަކީ އެކްޓު ކުރުމާ އެއްވަރަށް ޑައިރެކްޓު ވެސް ކުރަން ލޯބި ކުރާ މީހެއް ކަމަށާއި އެއީ އޭނާއަށް ވަކި ކުރަން އުނދަގޫ ދެކަން ކަމަށެވެ. އަދި ފިލްމީ ކެރިއަރު ފެށީ އެކްޓަރެއްގެ ގޮތުގައި ކަމަށާއި، 30 އަހަރު ފަހުން އަދިވެސް އެކްޓު ކުރުމަށް އޭނާގެ ހިތުގައި އޮތް ލޯބި ފަނޑުނުވާ ކަމަށެވެ.

"އަދި އަހަރެން ބޭނުމެއް ނޫން އެކްޓު ކުރުން ހުއްޓާލާކަށް. އެހެންވެ އަދި ޑައިރެކްޓު ކުރުމުގެ މަސައްކަތް މި މަޑުޖައްސާލަނީ. އެކަމަކު ރަސްމީކޮށް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާ ދުވަހު އެކްޓު ކުރުން ހުއްޓާލާނަން،" އާމިރު ބުންޏެވެ.

މިހާތަނަށް 50 އަށް ވުރެ ގިނަ ފިލްމުތަކެއް ކުޅެ، ގިނަ އަދަދެއްގެ ފިލްމު ޕްރޮޑިއުސްކޮށްފައިވާ އާމިރު ވަނީ 2007 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު 'ތާރޭ ޒަމީން ޕަރް' ޑައިރެކްޓުކޮށްފަ އެވެ. ގިނަ އެވޯޑުތަކެއް ވެސް ލިބިގެން ދިޔަ އެ ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ. އާމިރު ވަނީ އެ ފިލްމުގައި ސަޕޯޓިން ރޯލަކުން ފެނިގެން ގޮސްފަ އެވެ.