ޑައިރެކްޓަރު ރޯހިތު ޝެޓީ މިހާރު މަސައްކަތް ފަށައިފައިވާ ފިލްމު 'ސޫރިޔަވަންޝީ'ގެ އަންހެން ލީޑުގެ ގޮތުގައި ބަތަލާ ޖެކްލީން ފާނަންޑޭޒް ހަމަޖައްސައިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ގޯއާގައި ފިލްމުގެ ޝޫޓިން ފެށިގެން ކުރިއަށްދާ އިރު، ފިލްމުގެ ފިރިހެން ލީޑުގެ ގޮތުގައި ފެނިގެންދާނީ އަކްޝޭ ކުމާރެވެ. މިއީ ރޯހިތުގެ ފިލްމެއްގައި އަކްޝޭ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަކްޝޭ އާ އެކު ފިލްމުގެ ޝޫޓިން ފެށި ނަމަވެސް، ފިލްމުގެ އަންހެން ލީޑު އޭރު އަދި ފައިނަލް ކޮށްފައެއް ނުވެ އެވެ. އޭރު ފިލްމުން އަކްޝޭ އާ އެކު ފެނިގެން ދާނީ ބަތަލާ ކެޓްރީނާ ކައިފް ކަމަށް ވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް ރޯހިތު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޖެކްލީން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 'ރޭސް 3'ގައި ސަލްމާން ޚާން އާއެކު އެވެ. ޖެކްލީން ދެން އެންމެ އަވަހަށް ފެނިގެންދާނީ ސުޝާންތު ސިންގް ރާޖްޕުތު އާއެކު ފިލްމު 'ޑްރައިވް' އިންނެވެ. މިއީ އަކްޝޭ އާއި ޖެކްލީން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން އެ ދެ ތަރިން ވަނީ 'ބްރަދާޒް' އަދި 'ހައުސްފުލް 3' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ. 'ސޫރިޔަވަންޝީ' އަކީ އަޖޭ ދޭވްގަންގެ 'ސިންގަމް' އަދި ރަންވީރު ސިންގގެ 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް 'ސިންގަމް' ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އަންނަ އަހަރުގެ އީދު ބަންދާ ދިމާކޮށް ރިލީޒްކުރަން ނިންމައިފައިވާ އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.