18 Mar 2019, 09:27
ރައީސް އިބްރާހިމްގެ މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދެން އޮތީ އެމްޑީޕީ އާއި އަދާލަތު އެކުގައި މަޖިލިސް އިންތިހާބުގައި ގުޅިގެން މަސައްކަތް ކޮށް، އަދާލަތު ޕާޓީ އަށް ވެސް މަޖިލީހުގައި އެކަށީގެންވާ ތަމްސީލުކުރުމެއް ލިބުމުން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން މިހާތަނަށް ހަ ދާއިރާއަކަށް ވާދަކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.
އެމްޑީޕީ އިން ބިލަބޮންގް ސުކޫލްގައި ރޭ ބޭއްވި ފަރެސްމާތޮޑާ ދާއިރާ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރައީސް ސޯލިހްގެ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދެން އޮތީ ދެ ޕާޓީން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އެ މަސައްކަތް ކުރެވެން އޮތީ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީއަށް އެކަށީގެންވާ ގޮނޑިތަކެއް ކާމިޔާބުވުމުން ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގެ ވައުދުތައް ތަންފީޒު ކުރުމަށް އޮތީ، އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން އެކުގައި މަސައްކަތްތަކެއް ކުރުމުން. މިކަން ކުރެވޭނީ އަދާލަތު ޕާޓީ އަށް ވެސް މަޖިލީހުގައި އެކަށީގެންވާ ތަމްސީލުކުރުމެއް ލިބުމުން،" ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީ ޕޯޑިއަމްއެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީން 2015 ވަނަ އަހަރު އޭރުގެ އޮތް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފެއްޓެވީ، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރަން ކަމަށެވެ. އަދި އެ މަސައްކަތުގެ ނަތިއްޖާ އަކަށްވީ، ދެ ޕާޓިގެ ގިނަ ބަޔަކަށް "ޖަލުގެ ގޯޅިތަކުގައި އަނިޔާ" ލިބިގެން ދިޔުން ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަނިޔާވެރި ގޮތަކަށް ރައީސް ނަޝީދު ޖަލަށް ލެވިގެން ދިޔަ މަންޒަރު އަޅުގަނޑުމެންނާ ހާމަ ވެގެން ދިޔަ. އެދުވަހު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ސަރުކާރާ ފޭއަށް ޖެހި، އަދާލަތު ޕާޓީ އާއި އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަން ޖެހުނީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، އޭރު އެކުގައި ކުރެވުނު މަސައްކަތްތަކާ އެކު ނިމިދިޔަ ރިޔާސީ އިންތިހާބު އެކުގައި ކާމިޔާބު ކުރެވުނު ކަމަށާއި އެ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ "ރައްޔިތުންނަށް އުންމީދުތަކެއް" ގެނެސްދީ އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުމަށް ކަމަށެވެ.
އިމްރާން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ސޯލިހަށް ކުރިމަތިވާން އޮތް ގޮންޖެހުންތަކަށް އަރައިގަނެވެން އޮތީ، ދެ ޕާޓީ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
"ރައްޔިތުން 2015 ގެ ހާލަތައް އެނބުރި ނުދިޔުމަށް ބޮޑު ވިސްނުމެއް ގެންގުޅެންޖެހޭ. ރައްޔިތުންނަށް ކުރިމަތިވެގެން އައިސްދާނެ ނިކަމެތި ކަމަށްޓަކައި ރައްޔިތުން ސަލާމަތް ކުރައްވަން ޖެހޭ. ރައްޔިތުންނަށް ހައްގުވާ މިންވަރު ރައްޔިތުންނަށް ހޯދައިދޭން ޖެހޭ،" އިމްރާން ވިދާޅުވީ ދެ ޕާޓީ އެކުގައި މަސައްކަތް ކުރައްވަން ޖެހެނީ އެ ސަބަބާ ހުރެ ކަމަށެވެ.
Adhaalath Partyge Raees adhi Home Minister@ShimranAbvaahakafulhu dhakkavanee
Fares Maathoda Dhaaira ge MDP Candidate Fathuhulla Ahmed ge#Agenda19Campaign Jalsa#Agenda19#Majlis19Thilafathahpic.twitter.com/oTS5Z8DEEN— MDP Secretariat (@MDPSecretariat)March 17, 2019
އިމްރާން ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށާއި ކުރިއަށް މަޖިލިސް އިންތިހާބުގައި ދެ ޕާޓީ ގުޅިގެން ކުރާ މަސައްކަތުގައި މަޖިލީހުގައި ސަރުކާރަށް ފުރިހަމަ ތާއީދު ހޯދައި ދެވޭނެ ކަމަށެވެ.
އަދާލަތު ޕާޓީން ރޭ ވަނީ ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ހަތަރު ކެންޑީޑޭތަކަށް ތާއީދު ކުރުމަށް ނިންމަވާފައިވާކަން އިއުލާންކޮށްފަ އެވެ. އެއީ ކެނދިކުޅުދޫ، އަލިފުށި، ހޯރަފުށީ އަދި ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަށެވެ.
މީގެ އިތުރުން އެމްޑީޕީން ވަނީ އަދާލަތު ޕާޓިގެ ދެ ދާއިރާގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ. އެއީ މަހިބަދޫ ދާއިރާ އާއި އެމްޑީޕީގެ ފަރާތުން ވާދަ ނުކުރާ، ނިލަންދޫ ދާއިރާއަށެވެ.
އަދާލަތު ޕާޓީގެ ދެ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއީދުކުރަން ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާކުރެއްވި އެވެ.
އެމްޑީޕީން މަހިބަދޫ ދާއިރާ އަދާލަތު ޕާޓީ އަށް ދޫކޮށްލުމުން އެ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނީ 85 ދާއިރާއަކަށެވެ. އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރާނީ އަށް ދާއިރާއަކަށެވެ.