18 Mar 2019, 00:05
އީޖާދީ ދިވެހި އުފެއްދުންތަކަށް ރާއްޖެއާއި ރާއްޖެއާއި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް "ނިރު އެކްސެލެރޭޓާ" ގެ ނަމުގައި އުރީދޫއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމި ތިން ސްޓާޓްއަޕް ކުންފުންޏެއްގެ ހިދުމަތްތައް ދައްކާލައިފިއެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ނިންމި ތިން ސްޓާޓާޕް ކަމަށްވާ "ބީޓުބީ މޯލްޑިވްސް"، "އައިޑިއަނިޒް" އަދި "ކުނބު" ވަނީ ދައްކާލައިފައެވެ.

އުރީދޫ "ނިރު އެކްސެލެރޭޓާ" ނިންމި ކުނބު ސްޓާޓަޕްއަށް އިތުރަށް ފަންޑިންދޭނެ ލިޔުން ހަވާލުކުރުމަށްފަހު---
ހަތަރު މަސް ދުވަހަށް ބަހާލައިގެން އުރީދޫއިން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި ހަ ޓީމެއް ބައިވެރިވިއެވެ. ނަަމަވެސް އެ ޕްރޮގްރާމް ނިންމީ ތިން ޓީމަކުންނެވެ.

އުރީދޫ "ނިރު އެކްސެލެރޭޓާ" ޕްރޮގްރާމްގެ ސްޓާޓްއަޕްތަކުގެ ޑެމޯ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
މިރޭގެ ރަސްމިއްޔާތުގައި އެ ތިން ސްޓާޓްއަޕް ކުންފުންޏަށް ވަނީ ހަނދާނީ ލިޔުންވެސް ހަވާލުކޮށްފައެވެ. އަދި އެ ތިން ސްޓާޓްއަޕް އިތުރުަށް ތަރައްގީކުރަން ފަންޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އުރީދޫއިން މިރޭ ވަނީ އިއުލާންކޮށްފައެެވެ.
މިރޭ ދައްކާލި ސްޓާޓަޕްތަކުގެ ތެރެއިން "ބީޓުބީ"އިން ވިޔަފާރިތަކުން ވިޔަފާރިތަކަށް މުދާ ސަޕްލައިކޮށް ވިއްކުމަށް ފައްކާކޮށްފައިވާ އެޕްލިކޭޝަންއެއް ދައްކާލައިފައެވެ.
"އައިޑިއަނައިޒް" އިން ވަނީ އާޓިފިޝަލް އިންޓަލިޖެންސް މެދުވެރިކޮށް ފޭސްބުކް މެސެންޖާ ފަދަ އެޕްލިކޭޝަންތަކުން "ބޮޓް" މަސައްކަތްކުރާގޮތަށް ޖަވާބުދޭގޮތަށް ފައްކާކޮށްފައިވާ އެޕްލިކޭޝަން ދައްކާލައިފައެވެ.

އުރީދޫ "ނިރު އެކްސެލެރޭޓާ" ނިންމި ބީޓުބީ ސްޓާޓަޕްއަށް އިތުރަށް ފަންޑިންދޭނެ ލިޔުން ހަވާލުކުރުމަށްފަހު---
އަދި "ކުނބު"އިން ވަނީ ރާއްޖޭގެ ކަނޑު ދަތުރުފަތުރު ކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޓިކެޓިންއާއި ރިޒަވޭޝަން ފަދަ ހިދުމަތްތައް ފަސޭހައިން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ދައްކާލައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ޓެކްނޮލޮޖީއާ ގުޅޭ ކުންފުނިތައް މިހާރު ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް ވާތަން މިހާރު ފެންނަމުންދާ ކަމަށެވެ.

އުރީދޫ "ނިރު އެކްސެލެރޭޓާ" ޕްރޮގްރާމްގެ ސްޓާޓްއަޕްތަކުގެ ޑެމޯ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---
"ޗައިނާގެ އިނގިރޭސި ޓީޗަރަކަށް ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ކުންފުނި ހެދޭކަމުގައި ވާނަމަ، އެފަދަ ވިޔަފާރިއަށް ބަދަލުކުރުމުގެ ގާބިލުގަން އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ޒުވާނުން ކާމިޔާބު ޓެކްނޮލޮޖީގެ ވިޔަފާރިތައް އުފައްދައިފައިވާކަން ފާހަގަކުރައްވައި އަދި އަލަށް ފަށައިގެން ކާމިޔާބު ވިޔަފާރިތަކުގެ ވާހަކަ ދައްކަންޖެހޭ ކަމަށް މަލީހު ވިދާޅުވިއެވެ.