އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚު މުހައްމަދު ޝަހީމް އަލީ ސައީދު އެ މަގާމުގައި ހުންނެވި އިރު ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައިވޭތޯ ބަލައި އެފަދަ ކަމެއް ކުރައްވާފައިވާ ނަމަ އަދަބު ދެއްވުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމިއްލަ ފުޅަށް ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުން މިދިޔަ އަހަރު އެންމެ ގިނަ އެހީ ލިބިފައި ވަނީ ޝެއިޚު ޝަހީމް ނިސްބަތްވާ ރަށަށް ކަމަށް މީޑިޔާގައި ފެތުރިފައިވާތީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމު ވިދާޅުވީ ޒަކާތު ފަންޑުން ވަކި މީހަކަށް އެހީ ދިނުމަކީ ސްޓޭޓް މިނިސްޓަރަށް އޮންނަ ބާރެއް ވެސް ނޫން ކަމަށާއި އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް އޭނާ ކުރައްވާފައިވޭތޯ ބައްލަވައި އަދަބު ދެއްވުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންނަ އާދީއްތަ ދުވަހު ސިޓީއެއް ވެސް ފޮނުއްވާނެ ކަމަށެވެ.

"އަޅުގަނޑު މިހުންނަނީ ސިޓީއެއް ވެސް ލާން ނިންމައިގެން އާދީއްތަ ދުވަހު، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިކަހަލަ ކަމެއްގައި އަޅުގަނޑުގެ ނާޖާއިޒް ހިއްސާއެއް އޮތިއްޔާ އެކަމަށް އަދަބު ދެއްވާތޯ، އަޅުގަނޑަށް ކެރޭ އެގޮތަށް ސިޓީ ލިޔަން ވެސް، އެއީ އަޅުގަނޑަށް އިނގޭ ދުވާލުގެ އިރު ފެންނަ ފަދައިން، އަޅުގަނޑު އެފަދަ ކަމެއް ކޮށްފައި ނޯންނާނެކަން" ޝޭހު ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލްމަޖީދު އަބުދުލްބާރީއަށް ރުހުން ދިނުމާ މެދު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމު ވިދާޅުވީ އެކަމާ އެއްޗެއް ވިދާޅުވާން ބޭނުން ފުޅު ނުވާ ކަމަށެވެ. ނަމަވެސް ގަބޫލުކުރައްވާ ފަލްސަފާއެއް އޮންނަ ކަމަށާއި އެއީ" މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެފަހަރަކަށް ކައްޓެއް ނުޖެހޭނެ" މި ފަލްސަފާ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އަދާލަތު ޕާޓީން އެންގި އެންގުމާ ގުޅިގެން އިސްތިއުފާ ދެއްވުމަށް ފަހު ޑރ. މަޖީދު އަލުން އެ މަގާމަށް ވަޑައިގަތުމުން އެ މައްސަލަ އަދާލަތުން ދަނީ ބަލަމުންނެވެ.