17 Mar 2019, 21:25
އަލަށް ވަޒީފާއަށް ގެންނަ ބިދޭސީންގެ އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާއިރު، ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކަމުގައިވާނަމަ 48 ގަޑިއިރުގެ ތެރޭގައި، އެމްލޯއިމެންޓް އެޕްރޫވަލް ދޫކުރާގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާއިރު، ލިޔެކިޔުންތައް ހަމަނުވާނަމަ ހުށަހަޅާ ފަރާތްތަކަށް އެ މުއްދަތުގެ ތެރޭގައި އަންގާނެ ކަމަށެވެ.
އެ ބަދަލަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެމްޕްލޯއިމެންޓް އެޕްރޫވަލްގެ ޚިދުމަތަށް މިފަދަ ބަދަލެއް ގެނައުމުގެ މަގުސަދަކީ އިމިގްރޭޝަނުން ދެވޭ ޚިދުމަތްތައް ރައްޔިތުން ގަބޫލުކުރެވޭ ފެންވަރަށް ގެނައުމާއި އަދި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރާ ބޭފުޅުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"ވީމާ، ޚިދުމަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިއްޕެވުމަށް އެމްޕްލޯއިމެންޓް އެޕްރޫވަލްއަށް އެދި ހުށަހަޅާއިރު ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގައި ސަމާލުވެލެއްވުމަށް އިލްތިމާސް ކުރަމެވެ،" އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައިވެއެވެ.