ނިއު ޒިލެންޑުގެ ދެ މިސްކިތަކަށް ވަދެ، މިދިޔަ ހުކުރު ދުވަހު 50 މީހުން މަރާލި މީހާއަށް މާފުކޮށްފި ކަމަށް އެހަމަލާގައި މަރުވި އަންހެނެއް ކަމަށްވާ ހުސްނާ އަހުމަދުގެ ފިރިމީހާ، ފަރީދު އަހުމަދު ބުނެފި އެވެ.

ފަރީދު އަހުމަދަކީ 1998 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ދިޔުމަށް ފުރޮޅުލީގޮނޑިއެއް ބޭނުން ކުރާ ޖެހޭ މީހެކެވެ. އެހެންކަމުން ފަރީދު މިސްކިތަށް ގެންގޮސްދެނީ ހުސްނާ އެވެ. އަދި މިދިޔަ ހުކުރު ދުވަހުވެސް، ފަރީދު މިސްކިތުގެ ފިރިހެނުން ނަމާދު ކުރާ ބަޔަށް ގެންދިޔުމަށް ފަހު ހުސްނާ ދިޔައީ އަންހެނުން ނަމާދު ކުރާ ބަޔަށެވެ.

ފަރީދު ބުނި ގޮތުގައި ނޫރު މިސްކިތަށް ވަދެ، މީހަކު ބަޑި ޖަހަން ފެށުމާ އެކު ހުސްނާ ފުރަތަމަ ބެލީ އަންހެނުންނާއި ކުޑަކުދިން ސަލާމަތް ކުރެވޭތޯ އެވެ.

"އަވަސް ކުރާށޭ، މިކޮޅަށް އަންނާށޭ ބުނަމުން [ހުސްނާ] ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ރައްކާތެރި ތަނަކަށް ގެންދިޔަ. ދެން އަހަރެން ފުރޮޅުލީގޮނޑިއެއްގައި ހުންނާތީ އަހަންނަށްވީ ގޮތެއް ބަލަން ގޭޓު ކައިރިއަށް ދިޔަ ތަނާ [ހުސްނާގެ ގަޔަށް] ބަޑި ޖެހީ. [ހުސްނާ] ބެލީ އަމިއްލަ ނަފްސު ސަލާމަތް ކުރުމުގެ ބަދަލުގައި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯ،" ފަރީދު ބުންޏެވެ.

ހުކުރު ދުވަހު ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި މަރުވި ހުސްނާ އަހުމަދު -- ފޮޓޯ: ޑާކާ ޓްރިބިއުން

ފަރީދު ބުނި ގޮތުގައި އޭނާ ސަލާމަތްވީ، ހަމަލާ ދިން މީހާ އެހެން މީހުންނަށް އަމާޒުކޮށް ބަޑި ޖަހަން ހުއްޓަ އެވެ. އަދި އޭނާ މިސްކިތުން ނުކުތީ ނަމާދު ކުރަން ތިބި އެހެން މީހުންގެ އެހީގަ އެވެ. އަދި މިސްކިތުން ނުކުތުމުގެ ކުރިން ހުސްނާ ނުފެނެ އެވެ.

ފަރީދަށް ހުސްނާ މަރުވިކަން އެނގުނީ އޭނާ މިސްކިތް ކައިރިއަށް ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް މީހަކު ދެއްކުމުންނެވެ.

ފަރީދު ބުނި ގޮތުގައި އެހަމަލާ ދިން ބްރެންޓަން ހެރިސް ޓެރަންޓްއާ ބައްދަލުވެއްޖެ ނަމަ، އޭނާ ބޭނުން ވަނީ ޓެރަންޓް ދިރިއުޅުމާ ބެހޭ ގޮތުން ދެކޭ ގޮތް ބަދަލު ކުރުމަށެވެ. އެގޮތުން ޓެރަންޓް އަކީވެސް ދީލަތި، އޯގާތެރި މީހަކަށް ވެވޭނެ މީހެއް ކަމަށާއި، އިންސާނުންނާއި އިންސާނިއްޔަތު ސަލާމަތް ކުރުމުގެ ގާބިލުކަން އޭނާއަށް ލިބިގެންވާކަން ބުނެދޭނެ ކަމަށް ފަރީދު ބުންޏެވެ.

އަދި ހަމަލާ ދިން މީހާއަށް މާފު ކޮށްފިންތޯ ސުވާލު ކުރުމުން ފަރީދު ވަނީ އޭނާ ނަފްރަތު އިސް ކުރަން ބޭނުން ނުވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ މާފު ކުރުމާއި ހިތްހެޔޮކަމަށް ކަމަށް ބުނެފަ އެވެ.

"އާ [މާފު ކޮށްފިން]. އެންމެ ރަނގަޅު ކަންތައްތަކަކީ މާފު ކުރުމާއި ހިތްހެޔޮ ކަމާއި ލޯތްބާއި އަޅާލުން އަދި އެފަދަ ރަނގަޅު މިޒާޖެއް ގެންގުޅުން،" ފަރީދު ބުންޏެވެ.

ފަރީދު އާއި ހުސްނާ ބަންގުލަދޭޝްއިން ނިއު ޒިލެންޑަށް ބަދަލުވީ 1990 ވަނަ އަހަރެވެ. އެދެމަފިރިންގެ އަންހެން ކުއްޖަކު ހުރެ އެވެ.

ހުކުރު ދުވަހު ކްރައިސްޓްޗާޗްގައި ދިން ހަމަލާތަކުގައި 50 މީހުން މަރުވެ، 48 މީހުންނަށް އަނިޔާވި އެވެ. އެހަމަލާއާ ގުޅިގެން ޓެރަންޓް އާއި އިތުރު ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.