14 Oct 2011, 02:21
ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ. އެ ކޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން އިސް ގާޒީ ވިދާޅުވީ އެ ކޯޓުގެ އެތެރެ އާއި ބޭރުގައި ވެސް ގާޒީނަށް ރައްކާތެރި ކަމެއް ނެތް ކަމަށާއި ނުރައްކާތެރި ހަތިޔާރާއެކު ގާޒީންނަށް ހަމަލާ ދޭން މަސައްކަތްކުރާ ކަމަށެވެ. އިސް ގާޒީގެ ޖުމްލަ ވާހަކަފުޅުން ދޭހަ ކޮށްދެނީ މުޅި ކުރިމިނަލް ކޯޓުގެ ވެށި ބަދަލުވެ އެކޮޅުކޮޅުންޖެހިފައިވާ ކަމެވެ. ޝަރީއަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް ނެތި ބިރުވެރި ކަމެއްގެ ތެރެއަށް ކޯޓު ގެނބިފައިވާ ކަމެވެ. ތިރީގައި މިވަނީ ކްރިމިނަލް ކޯޓުގެ ހަލާތު ސިފަކޮށްދެއްވައި އިސް ގާޒީ ދެއްކެވި ވާކަފުޅުގެ ހުލާސާއެކެވެ.
ކްރިމިނަލް ކޯޓުގެ އެތެރެއާ ބޭރުގައި ވެސް ގާޒީންނަށް ރައްކާތެރި ކަމެއް ނެތް!
އިސް ގާޒީ ވިދާޅުވީ އެ ކޯޓްގެ ފަނޑިޔާރުން މަސައްކަތް ކުރާ މާހައުލަކީ ސަލާމަތާއި ރައްކާތެރިކަމެއް ނެތް ތަކެއް ކަމާށާއި ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ އެ ހައްގުން ފަނޑިޔާރުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި ފަނޑިޔާގެތަކަށް އެއް ގަރުނު ވެގެންދިޔަ އިރު ވެސް ގާޒީން ކުރާ ޝަކުވާތަކަށް ކަމާބެހޭ އިދާރާތަކުން އިޖާބަ ދީފައި ނުވާ ކަމަށް އާންމުންގެ ތެރޭގައި އަބްދުﷲ ގާޒީ ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އިސްގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓު ހުންނަ ސަރަހައްދުގައި ނުރައްކާތެރި ހަތިޔާރު ހިފައިގެން ތިބެ، އަދި ގާޒީން އާންމުކޮށް ހިނގާ މަގުތާއި ގޯޅިތަކުގައި ތިބެ ނުރައްކާތެރި އަމަލުތައް ހިންގުމަށް މަސައްކަތްކޮށްފައި އެބަހުރި ކަމަށެވެ. ގާޒީންނާ ދިމާކުރަމުން ވައްތަރު ޖައްސަމުން ގޭގެ ދޮށަށް އެއްވެ ފުރާޅަށް ގާ އުކާފައި އެބަހުރި ކަމަށާއި އެކަންތަކާ ގުޅިގެން މިހާތަނަށް ގާޒީންނަށް ރައްކާތެރިކަމެއް ދީފައި ނުވާ ކަމަށެވެ.
އެފަދަ ކަންތަތައް ކުރިމަތި ވަނީ ރާއްޖޭއަށް އަންނަ ސިޔާސީ އަދި އިޖުތިމާއީ ހަލަބޮލުކަމުގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކޯޓްތަކުގެ ފަނޑިޔާރުންނާ ގުޅިފައިވާތީ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓްގެ ފާރަވެރިންގެ ގޮތުގައި ދެމިއޮތް ސެކިއުރިޓީ ހިދުމަތް މިހާރު ކަނޑާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކްރިމިނަލް ކޯޓްގެ ގާޒީން ނިކަމެތިވެފައިވާ ކަމަށެވެ. ކޯޓަށް ހާޒިރު ކުރާ މީހުން ކޯޓުތަކުގެ މާލާއި މުދަލަށް ގެންލުންދެމުންދާ ކަމަށާއި ކޯޓުގެ މުވައްޒަފުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުންދީ މޫނަށް ކުޅު ޖަހާ ކަމަށެވެ. އަދި ކޯޓުގެ ތެރެއަށް ކުޑަގިފިލިކޮށް ބަރަހަނާވެ އަޑުގަދަކޮށްފައިވާ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
މައްސަލަތައް ސާބިތު ނުކުރެވެނީ ކީއްވެ؟
އިސް ގާޒީ ވިދާޅުވި ގޮތުގައި ދައުވާތައް ސާބިތު ނުކުރެވެނީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މުހިއްމު ގާނޫނުތަކެއް ނުހެދި ހުރުމުނެވެ. ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ ފަރާތުން ތަހުގީގީ މަރުހަލާގައި ސާފު ކުރަންޖެހޭ ކަންތައް ސާފު ނުކުރެވި ހުރުމުން ވެސް ދައުވާތައް ސާބިތު ނުވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ތަހުގީގުތައް ބާރު ސްޕީޑުގައި ކުރިއަށް ނުގެންދިއުން ވެސް އިސް ގާޒީ ފާހަގަ ކުރެއްވެވި އެވެ. އަދި ވިދާޅުވީ މައްސަލަތައް ލަސްވުމާއި އިންސާފު ނުލިބޭ ކަމަށް ބުނުމާއި ތަހުގީގަށް ބަންދު ކުރާ މީހުން ގިނަ ދުވަހު ބަންދުގައި ބޭތިއްބުމުގެ ޝަކުވާތައް އެ ކޯޓުގައި ކުރަމުންދާ ކަމަށެވެ.
ޖުޑީޝަރީގެ ބަލަދުވެރި ފަރާތަށް އިސް ގާޒީގެ މެސެޖެއް:
ކޯޓްތަކުގެ ބަލަދުވެރި (ސުޕްރީމް ކޯޓާއި ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން) ފަރާތްތަކުގެ ދައުރު ހަރުދަނާކޮށް ކޯޓްތަކުގެ ޝަކުވާތައް އެފަރާތްތަކުން އަޑު އަހައި ކްރިމިނަލް ކޯޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވިދާނެ ކަމަށް އިޝާރާތް ކުރައްވާ އިސް ގާޒީ ވިދާޅުވީ ގާޒީންގެ މަސައްކަތްތައް ސުޕަވައިޒު ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމާއި ޒިންމާދާރު، ގާބިލް ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްގެން އެ މައްސަލަތައް ހައްލު ކުރެވިދާނެ ކަމަށެވެ. އަދި ގާޒީންގެ ޝަކުވާތައް ޖުޑީޝަރީގެ ބަލަދުވެރި ފަރާތުން އިންސާފުގެ ނަޒަރަކުން ބަލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރީއަތް ކުރަން އެކަށީގެންވާ މާހައުލެއް ނެތް!
އިސް ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމާއި ހުށަހަޅޭ މައްސަލަތައް ގިނަކަމުން ޝަރީއަތްތައް ނުބޭއްވޭ ކަމަށާއި މައްސަލަތަކުގެ ހަސްމުންނާއި ޝަރީއަތް އަޑު އަހަންވަންނަ މީހުންނަށާއި ޝަރުއީ ދާއިރާގެ ޓްރޭނިން ހޯދަން އަންނަ ދަރިވަރުންނާއި ކޯޓްގެ މުވައްޒަފުންނަށް ކަމާބެހޭ ފަރާތްތަކުން ދޭންޖެހޭ ރައްކާތެރިކަން ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
"މަސްލަތަކުގައި ހެކި ދިނުމަށް ހާޒިރު ކުރާ މީހުން ކުއްވެރިއާއާއެކު ޝަރީއަތުގެ މަޖިލީހުގައި މިހާރުވެސް ބައިތިއްބަންޖެހޭ" އިސް ގާޒީ ވިދާޅުވި އެވެ. "އަދި ހެކިން ސިއްރުކުރަންޖެހޭ ހާލަތްތަކުގައި ކުށްވެރިއާއަށް ނުފެންނާނެ ގޮތައް އެހެން ތަނެއްގައި ބައިންދައިގެން ހެކި ބަސް ނަގާއިރު، ކޯޓްގެ ޖާގައިގެ ދަތިކަމާހުރެ ދަތިތަކެއް ކުރިމަތިވޭ"
އިސް ގާޒީ ވިދާޅުވީ އެކަނިވެރިން މައިން ދަރިން ގޮވައިގެން އިންސާފު ހޯދަން ކޯޓަށް އަންނަ ކަމަށާއި އެ ހާލަތުގައި ކުދިން ބައިތިއްބާނެ މާހައުލެއް ވެސް އެ ކޯޓުގައި ނޯންނަ ކަމަށެވެ. އަދި ކޯޓުގައި އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުދެވޭ ކަމަށެވެ.
"ބަލަދުވެރިއަކު ނެތި އަޅާލާނެ ތުއްތު ކުދިން ގޮވައިގެން އެކަނިވެރި މަޔަކު ކޯޓުން ހަވާލުވާންޖެހުމުން އެބައި މީހުންނަށް ދޭންޖެހޭ އަޅާލުން ކޯޓުން ނެދެވޭ. އިންސާފު ހޯދަން އަންނަ އެކަނިވެރި މައިންނަށް އަޅާލާނެ ގޮތެއް ކޯޓްތަކުގައި ނެތުމަކީ މިޒަމާނުގެ ޖުޑީޝާރީގައި ބަލާގަނެވޭނެ ކަމެއް ނޫން،" އިސް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ މައިންނާއި ދަރިން ވަކިކޮށް ކުޑަ ހިނދުކޮޅަކަށް ވެސް ބީރައްޓެހި ބައެއްގެ އަތް ދަށަން ކުދިން ދާންޖެހުމުން އެ ކުދިން މަސަލަސް ނުކުރެވި ކޯޓް ތެރޭގައި ރޯން ފެށުމުން ޖެހިޖެހިގެން ހުރި ކޯޓް ރޫމްތަކުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ކަމަށާއި ނުކުޅެދުން ތެރިކަން ހުންނަ މީހުން ކޯޓަށް ހާޒިރު ކުރާއިރު އެފަދަ ފަރާތްތައް ކްރިމިނަލް ކޯޓް ހުންނަ ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާއަށް އެރޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
ހާލަތު ދެނަގަތުމަށް ހެދި ދިރާސާއިން ހައިރާންކަން:
އިސް ގާޒީ ވިދާޅުވީ ކްރިމިނަލް ކޯޓްގެ ހާލަތު ދެނެގަތުމަށް ހެދި ދިރާސާ ރިޕޯޓްގެ ސަބަބުން ކުއްލި ހައިރާން ކަމެއް ގެނުވާފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ކޯޓްގެ އިދާރީ އިސްވެރިންނާ ކުރި ސުވާލުތަކުގެ ޖަވާބާއި ދިރާސާ ރިޕޯޓުން ފެނުނު ކަންތަތަކާ ދިމާ ނުވާކަމަށެވެ. އަދި ކޯޓްގެ ލީގަލް އޮފިސަރުންގެ އެހީތެރިކަމާއެކު އެކަންކަން ބަލަން ފެށުމުން އެތައް އަހަރުތަކެއް ވެފައިވާ ބަޔާންތަކެއް ފެނުނު އެ ބަޔާންތަކުގައި ސޮއި ކުރާނެ މީހެއް ނުވި ކަމަށެވެ.
"އެ ބަޔާންތައް ލާނީ ކޮން މައްސަލައެއްގެ ކޮން ފައިލަކަށްތޯ ސުވާލު އުފެދޭ،" އިސް ގާޒީ ވިދާޅުވި އެވެ.
ދިރާސާއަށް އިޝާރާތްކޮށް ވިދާޅުވީ ނިންމާފައި ހުރި ގަޒިއްޔާތަކުގެ ރިޕޯޓްތައް ނުނިންމާ ހުރުމާއި އެކި މައްސަލަތަކުގައި ނަގާފައިވާ ބަޔާންތައް ހުރި ދިމާލެއް ނޭނގުމާއި ސިޔާސީ މަސްރަހަކަށް ކޯޓު ބަދަލުވެފައިވާކަން އެނގުނު ކަމަށެވެ.
ދިރާސާއިން ކްރިމިނަލް ކޯޓަކީ ކެންޕެއިން ޖަގަހައެއްގޮތަށް ސިފަވި ކަމަށާއި ސިޔާސީ ލީޑަރުންގެ ފޮޓޯތަކާއި މުވައްޒަފުންގެ މޭޒުމަތީގަ އާއި ވަތްގަޑުތަކުގައި ހިއްޕާ އަދި ކޮންޕިއުޓަރުގެ ސްކްރީންތަކުގައި ހުރިކަން އެނގުނު ކަމަށެވެ.