އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ. ސުޝްމާ ރާއްޖެ ވަޑައިގަތީ އިންޑިއާ ސަރުކާރުގެ ޖެޓެއްގައެވެ.

މިނިސްޓަރު ސުޝްމާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ވަރަށް ގާތް ބައިވެރިއެއް އަދި ރަހުމަތްތެރިއެއް ކަމަށާއި، އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި ކާމިޔާބު މަޝްވަރާތަކެއް ކުރުމަށާއި ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާކަމަށެވެ.

ސުޝްމާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސުޝްމާގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެއެވެ. މި ގޮތުން އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި ހިލަ އަދި ހިލަވެލި އެތެރެ ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމުކޮށް އެއްބަސްވުމެއްގައި ސޮއި ކުރެވޭނެއެވެ.

މި ދަތުރުފުޅުގައި މިހާރު ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ކަންތައްތަކާއި ކުރިމަގުގައި ކުރިއަށް ގެންދާނެ ކަންތައްތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އަދި ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި މަޝްވަރާ ކުރެވިގެންދިޔަ ކަންތައްތައް ހިނގަމުންދާ ގޮތާ މެދުވެސް މަޝްވަރާ ކުރެވޭނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާއި ބެހޭ ގޮތުންނާއި ތަރައްގީގެ މަޝްރޫއުތަކާއި، ސިއްހީ ދާއިރާއާގެ މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.