17 Mar 2019, 12:43
ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި އެމްޑީޕީއަށް މެޖޯރިޓީ ލިބި އެ ޕާޓީގެ ގިނަ މެންބަރުންތަކެއް މަޖިލީހުގައި ތިބެން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ރައީސް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ. މަނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތިއްބަވަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ޒަމާނީ ވާދެވެރި ސިޔާސީ ނިޒާމް ގެނައީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އަކީ ތަފާތު ހިޔާލުތަކަށް ފުރުސަތު ދީގެން އެންމެނާއި އެކު ވެސް އުޅެން އެނގޭ ބައެއް ކަމަށެވެ.
އެގޮތުން އެ ނިޒާމް 'ފައްކާ' ކުރުމަށްޓަކައި އެ ޕާޓީގެ ގިނަ މެންބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިބެގެން ރައްޔިތުންނަށް ވާނެ ދެރައެއް ނޯންނާނެ،" އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ސޯލިހު ވިދާޅުވި އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބްގައި އެމްޑީޕީގެ ޓިކެޓްގައި 86 ދާއިރާއަށް ކެންޑިޑޭޓުން ނުކުންނައިރު ވެރިކަން ކުރާ ކޯލިޝަނުގެ އެހެން ޕާޓީތަކުން ވެސް އެ ގޮނޑިތަކަށް ވާދަކުރެ އެވެ.