17 Mar 2019, 12:49
ކްރައިސްޓްޗާޗް (މާޗް 17): ހުކުރު ދުވަހު ނިއު ޒީލޭންޑުގެ ދެ މިސްކިތަކަށް ހަމަލާ އަމާޒުވި ސަބަބަކީ އެގައުމަށް މުސްލިމުން ހިޖުރަކުރާތީ ކަމަށް ބުނި އޮސްޓްރޭލިއާގެ ސެނެޓަރު ފްރޭޒާ އެނިންގެ ބޮލަށް ބިސް ޖެހި 17 އަހަރުގެ ކުއްޖާއަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ.
މެލްބަންގައި ހިނގި އެހާދިސާގެ ވީޑިއޯއިން ފުރަތަމަ ފެންނަނީ އެނިން ރިޕޯޓަރުންނާ ވާހަކަ ދައްކަން ހުންނަ މަންޒަރެވެ. އަދި ފަހަތުގައި ހުރި ކުއްޖަކު ފޯނުން ވީޑިއޯ ކުރަން ފެށުމަށް ފަހު، ސެނެޓަރުގެ ބޮލަށް ބިހެެއް ޖަހާ މަންޒަރެވެ.
އޭގެ ސަބަބުން އެނިން ދެ ފަހަރަކު އެކުއްޖާގެ މޫނުމަތީ ޖަހަ އެވެ. ނަމަވެސް ސެނެޓަރު ވަށައިގެން ތިބި މީހުންގެ ތެރެއިން އެކަކު އޭނާ ހުއްޓުވަ އެވެ. އަދި ދެން ތިބި މީހުން އެކުއްޖާ ހިފަހައްޓާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެ އެވެ.
WATCH: This is the moment Senator Fraser Anning was egged by a teenage boy during a press conference in Melbourne.#9Newspic.twitter.com/oePwz3pPH2
— Nine News Melbourne (@9NewsMelb)March 16, 2019
މެލްބަންގެ ފުލުހުންގެ ތަރުޖަމާނަކު ވަނީ އެހާދިސާ ހިނގި ވަގުތު ކުއްޖާ ހައްޔަރު ކުރުމަށް ފަހު، މިހާރު ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެ ހާދިސާގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އަދި ގިނަ ބަޔަކު ދަނީ އެކުއްޖާއަށް ތައުރީފުކޮށް، އެނިންގެ ވާހަކަތައް ކުށްވެރި ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު އެނިން ނެރުނު ބަޔާނެއްގައި އޭނާ ވަނީ ނިއު ޒީލެންޑުގެ މިސްކިތްތަކަށް ހަމަލާ އަމާޒުވި ސަބަބަކީ އެގައުމަށް މުސްލިމުންނަށް ހިޖުރަ ކުރެވޭތީ ކަމަށް ވިދާޅުވެފަ އެވެ.
"ނިއު ޒީލޭންޑުގެ މަގުތަކުގައި މިއަދު ހިނގި ލޭއޮހޮރުވުމުގެ އަސްލު ސަބަބަކީ މުސްލިމުންނަށް ނިއު ޒީލޭންޑަށް ހިޖުރަ ކުރުމަށް އެގައުމުގެ އިމިގްރޭޝަން ޕްރޮގްރާމުން ފުރުސަތުދޭތީ،" ހުކުރު ދުވަހު އެނިން ނެރުނު ބަޔާނެއްގައިވެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ބައެއް ފަރާތްތަކުން ދަނީ އެކުއްޖާއަކީ "ހީރޯ"އެއް ކަމަށް ބުނެ، އޭނާއަށް މެޑަލްއެއް ދޭން ޖެހޭ ކަމަށް ބުނަމުންނެވެ. އަދި އެހެން ފަރާތްތަކުން ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ ކުއްޖާއަށް ބޭނުންވެދާނެ ފައިސާ އެއްކުރަން ފަށައިފަ އެވެ. އެގޮތުން ފައްޓާފައިވާ ކެމްޕެއިނަކަށް މިހާތަނަށް ވަނީ 27،000 ޑޮލަރަށް ވުރެ ގިނަ ފައިސާ އެއްކޮށްފަ އެވެ.
This teenager boy deserve gold medal, he egged Australian Senator Fraser Anning for his disgusting comments in the wake of#NewZealandTerroristAttackin which he blamed Muslim immigrants. Look how the Senator immediately attacked the boy!#NewZealandMosqueAttackpic.twitter.com/LWVE0fQCrJ
— Adv Mian Faisal Naseer (@AdvMianFaisal1)March 16, 2019
އަދި އެހެން ފަރާތްތަކުން ވަނީ 18 އަހަރު ނުވާ ކުޑަކުއްޖެއްގެ މޫނުމަތީ ސެނެޓަރު ޖެހި މައްސަލަ ފުލުހުން ބަލަން ޖެހޭ ކަމަށާއި އެމައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
Dear Commissioner of Victorian Police,
YOU ARE OBLIGATED TO CHARGE#FraserAnningwith assault. The video evidence is clear. Anning has NO defence. I'll be monitoring the situation carefully.
Regards,@LawyerAdamHouda— Adam Houda (@LawyerAdamHouda)March 16, 2019
މީގެ އިތުރުން، އެނިން ސެނެޓަރު ކަމުން ވަކި ކުރުމަށް ފަށާފައިވާ އޮންލައިން ޕެޓިޝަނެއްގައި 850،000 އަށް ވުރެ ގިނަ މީހުން ވަނީ މިހާރު ސޮއިކޮށްފަ އެވެ.
ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް އޮސްޓްރޭލިއާގެ ބްރެންޓަން ހެރިސް ޓެރަންޓް ދިން ހަމަލާގައި 50 މީހުން މަރުވެ، 48 މީހުންނަށް އަނިޔާވި އެވެ. އޭގެ ތެރެއިން 39 މީހުންނަށް އަދި ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.