ނ. މާފަރުގައި އެއާޕޯޓު ތަރައްގީކުރާ ކުންފުނިން ބޭނުންވަނީ އެއާޕޯޓު މިހާރަށްވުރެ ބޮޑުކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ އެއާކްރާފްޓު ޖެއްސޭ ނ. މާފަރު އެއާޕޯޓަކީ އެއާބަސް އޭ380 އެއާކްރާފްޓުތައް ޖެއްސޭވަރުގެ ތަނަކަށް ހަދަން، އެއާޕޯޓު ހަދާ ކުންފުނިން ބޭނުންވާ ކަމަށެވެ.

އެއާބަސް އޭ380 އަކީ ކޮމާޝަލް ދަތުރުތަކަށް މިހާރު ބޭނުންކުރާ އެންމެ ބޮޑު އެއާކްރާފްޓު މޮޑެލްއެވެ.

އަބޫދާބީ ފަންޑުގެ އެހީގައި މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ގައެވެ.

"މިއަދު އެ އެއާޕޯޓު ތަރައްގީކުރާ ފަރާތުން ބޭނުންވަނީ މިހާރަށްވުރެ އެއާޕޯޓު ބޮޑުކުރަން. އެނގިވަޑައިގަންނަވާނެ މިހާރު އެއާޕޯޓުގެ ދިގުމިނަކީ 2،200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1،000 އިތުރުކޮށް އެތަނަށް އޭ380، ދުނިޔޭގައި އޮތް އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރު ޖެއްސޭވަރުގެ އެއާޕޯޓަކަށް އެތަން ބަދަލުކުރަން. އަޅުގަނޑުމެން މިތިބީ އެކަން ކުރަން ތައްޔާރަށް،"

ރައީސް ވިދާޅުވީ މާފަރުގެ ކައުންސިލާއި ރައްޔިތުންގެ ފަރާތުން މިކަމަށް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އެއާޕޯޓާ ކައިރީގައި ހުރި ބައެއް ގެތައް އެބަޖެހޭ ނަގަން. މަދު ގެތަކެއް. އެކަމަކު އަޅުގަނޑުމެން އެކަން ކުރަން މި ނިންމަނީ ރަނގަޅު ބަދަލު ދީފައި. އެހެންވީމަ މާފަރުގެ ރައްޔިތުން ކޮށްދޭންވީ ކަމަކީ، މި އެއާޕޯޓު ބަދަލުކޮށް ރާއްޖޭގައި އޮތް އެންމެ ބޮޑު އެއާޕޯޓަށް ހެދުމަށްޓަކާ ކުރަންވީ ކަންތައް ކޮށް ނިންމައިދިނުން،"

ރައީސް ވިދާޅުވީ މާފަރު އެއާޕޯޓު ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރެވޭ އެންމެ މި ޒަމާނުގެ، އެންމެ ބޮޑު އެއާޕޯޓަށް ކަމަށެވެ.

މާފަރު އެއާޕޯޓާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމަށް ކުރީގެ ސަރުކާރުން ވި އެއްބަސްވުމުގައި، ސަރުކާރުން ކޮށްދެންޖެހޭ ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ. އެގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރާ ކުންފުންޏަށް ފަޅުރަށްތަކެއް ދިނުން ހިމެނޭ ކަމަށާއި، އެކަމަށްޓަކާ ކުރީ ސަރުކާރުން ވަކި ރަށްތަކެއްވެސް ކަނޑައަޅާފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އެގްރީމެންޓުގައި ވާގޮތުން ސަރުކާރުން އެފަރާތަށް ދޭންޖެހޭ ފަޅުރަށް، ރަށްތަކެއް ނޫނީ ރަށެއް. އަދި އެ ސަރުކާރުން ވަނީ ވަކި ރަށްތަކެއްވެސް ފާހަގަކޮށްފައި، ނަމަވެސް ސަރުކާރު ބަދަލުވެގެން ދިޔައިރު އެކަން އޮތީ ފުއްދާ ނުދީ. އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު އެކަން އޮތްގޮތް ބެލިއިރު އެ ދެ ރަށްވެސް އޮތީ އެހެން ފަރާތްތަކަށް ކުއްޔަށް ދީފައި،"

ރައީސް ވިދާޅުވީ މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގްރިމެންޓުގައި ވާގޮތަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކާ މެދު މަޝްވަރާކޮށްއެކަމަށް ވަރަށް އަވަހަށް ހައްލެއް ހޯދައިދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އަބޫ ދާބީ ފަންޑާއެކު މަޝްވަރާ ކުރުމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވަނީ މީގެ ކުރިން ޔޫއޭއީއަށްވެސް ވަޑައިގެންފައެވެ.

އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރާ މާފަރު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކުރީ ސިންގަޕޫރުގެ ޓަފް އޮފްޝޯ ކުންފުންޏާއެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.