ކްރައިސްޓްޗާޗް (މާޗް 17): މިދިޔަ ހުކުރު ދުވަހު ނިއު ޒީލެންޑުގެ ދެމިސްކިތަކަށް ދިން ހަމަލާތަކާ ގުޅިގެން މުސްލިމުންނަށް އެހީވުމަށް ގިނަ އަަދަދެއްގެ މީހުން އެތަކެއް މިލިއަން ޑޮލަރު އެއްކޮށްފި އެވެ.

ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން އެހަމަލާގައި 50 މީހުން މަރުވެ، 48 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ތެރެއިން 39 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެހަމަލާތަކާ ގުޅިގެން މުސްލިމުންނަށް އެހީވުމަށް ފަށާފައިވާ އެންމެ ދެ ބޮޑު ކެމްޕެއިނަށް ވަނީ 24 ގަޑި އިރު ތެރޭ 3.2 މިލިއަން ނިއު ޒީލޭންޑް ޑޮލަރު (2.2 މިލިއަން ޑޮލަރު) އެއްކޮށްފަ އެވެ.

އަދި އެހެން ފަރާތްތަކުން ވަނީ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ދިނުމަށް ހަލާލް ކާނާ އެއް ކުރަމުންނެވެ.

"ކްރައިސްޓްޗާޗްގެ ރައްޔިތުންނަކީ ގުޅިގެން މަސައްކަތް ކުރުމަށް އާދަވެފައިވާ ބަޔެއް. އެއީ އަހަރެމެންގެ އާދައެއް. ވަރަށް އުފާވޭ މިއަދުވެސް އެންމެން އެހީވާން ނުކުތުމުން،" މުސްލިމުންނަށް އެހީވުމަށް ހަލާލް ކާނާ ހަދިޔާ ކުރުމަށް އެދުނު މީހަކު ބުންޏެވެ.

މީގެ އިތުރުން، އެހެން ފަރާތްތަކުން ވަނީ އެހަމަލާތަކުގެ ސަބަބުން މުސްލިމުންގެ މެދުގައި ބިރުވެރިކަން ފެތުރިފައިވާތީ، އެބިރު ކުޑަ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.

"ވެލިންޓަންގެ އެއްވެސް އަންހެނަކު ގެއިން ބޭރަށް ދާން ބިރު ގަންނަ ނަމަ، އަހަރެން މިހިރީ އެއްކޮށް ދާން ތައްޔާރަށް. (އެމީހަކާ އެއްކޮށް) ބަސް ހުއްޓާ ތަނަށް ގޮސް، ބަހުގައި ދަތުރުކޮށް، ފިހާރައަށްވެސް ދާން ތައްޔާރަށް،" ނިއު ޒީލޭންޑުގެ ވެލިންޓަންގެ ލިއަނެސް ހޮވާޑްގެ ފޭސްބޭކް ޕޯސްޓެއްގައިވެ އެވެ.

އެޕޯސްޓުގެ ސްކްރީންޝޮޓެއް ޓުވިޓާގައި ވަނީ 16،000 ފަހަރު ރީޓުވީޓުކޮށްފަ އެވެ.

ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް ހަމަލާ ދިން ބްރެންޓަން ހެރިސް ޓެރަންޓް ވަނީ ހައްޔަރުކޮށް މުއްދަތު ޖަހާފަ އެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހު ފަހެއްގަ އެވެ.