މާލޭ އާސަހަރާގެ އިރުމަތީ ފަރާތުގައި ހުރި މަހާނަގާތައް ނެގުމަށް މާލޭ ސިޓީ ކައުންސިލުން އެދެފި އެވެ.

މާލޭ ސިޓީކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް ބޭނުންކުރަމުންދާ އާސަހަރާގައި ޖާގަ ނެތުމުން، މީހުން ވަޅުލުމަށް ޖާގަ ހެދުމަށް ސަހަރާގެ އިރުމަތި ފަރާތަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އާސަހަރާގެ އިރުމަތީ ފަރާތުގައި މައްޔިތުން ވަޅުލާފައިވާ ބައިގެ މަހާނަތަކުގައި ޖަހާފައިވާ މަހާނަ ގާތައް މައްޔިތުންގެ އާއިލާތަކުން މި މަހުގެ ނިޔަލަށް ނަގައިދިނުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.

އަދި އެ މުއްދަތުގައި މަހާނަގާތަށް ނުނަގައިފި ނަމަ، ސިޓީ ކައުންސިލުގެ ފަރާތުން މަހާނަ ގާތައް ނަގާނެ ކަމަށާއި ގާތަށް ނަގައި ވެލި އަޅާ އިރު އެ ގާތަކަށް ލިބޭ ގެއްލުމަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކައުންސިލުން ކުރި އިއުލާނުގައިވެ އެވެ.

މީގެ ކުރިން އާސަހަރާގައި މީހުން ވަޅުލާނެ ޖާގަ ނެތިގެން މައްޔިތުން ވަޅުލުން ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އަލުން އެތަނަށް ވެލިއަޅައި ޖާގަ ހެދުމަށް ފަހު އަލުން އާސަހަރާގައި މީހުން ވަޅުލަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހު އެވެ.