13 Oct 2011, 23:16
ސައިންސް ކިޔަވައި ދިނުމުގެ ނަމުގައި އަމިއްލަ ޖަމިއްޔާއަކުން ފުވައްމުލަކަށް ގޮސް އެ ރަށު ސްކޫލްތަކުގެ ދަރިވަރުންގެގާތުގައި އިސްލާމް ދީނާ ހިލާފު ވާހަކަތައް ދެކި ކަމަށް އަދާލަތު ބުނާ މައްސަލަ ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް އެދި އެ ޕާޓީން ފުހުންނަށް ހުށަހަޅައިފި އެވެ.
ވީޓީވީ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ހުސައިން މިރޭ ވިދާޅުވުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އާދަލަތު ޕާޓީގެ ފުވައްމުލަކު ގޮފިން އިސް ނަގައި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
ޑރ. މައުރޫފު ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ދި އެޑްވާންސްޑް ސައިންސް (މާސް) ފުވައްމުލަކުގައި ބޮޑެތި ކަންތައްތަކެއް ހިންގި ކަމަށާއި މައިގަނޑު ގޮތެއްގައި އެމީހުން ކިޔަވައި ދިނީ އިވޮލިޔުޝަން ތިޔަރީ ކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ބަލައި ދިނުމަށް އެދުނު ނަމަވެސް އެ މައްސަލަ ބަލަމުންދާކަން އަދާލަތު ޕާޓީއަށް އަދި އެނގިފައި ނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެއްވައެވެ.
ޑރ. މައުރޫފު ވިދާޅުވީ "އިންސާނުން ވެސް އަދި އެއްވެސް އެއްޗެއް ވެސް އުފެދެނީ އެއްވެސް ކަލަކުގެ ބާރެއް ނެތި އަމިއްލައަށޭ" ބުނެ މާސް ޖަމިއްޔާއި ދަރިވަރުން ގާތުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ.
"ބުނަނީ ފުރަތަމަ އުފެދެނީ ބެކްޓީރިޔާއޭ ދެން އެއަށްވުރެ ބޮޑު އޯގަނިޒަމެކޭ އެގޮތަށް ބަދަލުވަމުން ބަދަލުވަމުން ގޮސް ރާމާމަކުނަށް ބަދަލުވެގެން ދެނޭ އިންސާނުން އައީ. ދެން ރާމާ މަކުނުގެ ކަށިގަނޑާ އިންސާނާގެ ކަށިގަނޑު ދައްކާފައި މި ބުނަނީ މިހުންނަނީ އެއްފާޑަށޭ،" ޑރ، މައުރޫފު ވިދާޅުވި އެވެ.
ޑރ. މައުރޫފު ވިދާޅުވީ ބައެއް ދަރިވަރުން އެމީހުންނަށް ސުވާލު ކުރި ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެ ފާނު ކަމަށް ގުރުއާނުގައި އަންގަވާފައި އެބައޮތް ނޫންހެއްޔޭ ސުވާލު ކުރުމުން އެއީ އެމީހުން ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.
"ދެންވެސް ކުދިން މައްސަލަ ޖެއްސީމަ ބުނަނީ އެމްއެންބީސީން ގެންސްދޭ 'ކުޅަދުންވަންތަކަމުގެ ހެކިތައް' ތިމަންނަމެއް ގަބޫލެއް ނުކުރަމޭ. އެތާކު ނުތިބޭނޭ ސައިންސް ދަންނަ މީހުނެއް މިކަހަލަ ބައިވަރު ވާހަކަ ދައްކާ ކުދިންގެ ސިކުނޑިއާ ކުޅެން މަސައްކަތްކޮށްފައި އައީ،" ޑރ. މައުރޫފު ވިދާޅުވި އެވެ.
އާދަލާތުގެ ފުވައްމުލަކު ގޮފިން ވަނީ މީގެ ކުރިން މި މައްސަލަ ފެންމަތިކޮށް ބަޔާނެއް ނެރެފައެވެ. ބުނެފައި މާސް ޖަމިއްޔާއިން ފުވައްމުލަކުގެ ދަރިވަރުންނަށް އެޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލްވުންތަކުގައި، ޑާވިންސް ތިއަރީއާއި ހަވާލާދީ ﷲ ސުބުހާނަހޫ ވަތައަލާ މާތްކުރެއްވި އިންސާނުންނަކީ ރާމާމަކުނުން ކަމަށް ބުނެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.