17 Mar 2019, 09:43
ކްރައިސްޓްޗާޗް (މާޗް 17): ނިއު ޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ބަޑިން ހަމަލާ ދިން މީހާ، އެހަމަލާތައް ދިނުމުގެ ކުރިން ބޮޑުވަޒީރުގެ އޮފީހަށް އޭނާގެ މެނިފެސްޓޯ އީމެއިލް ކުރި ކަމަށް ރިޕޯޓުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ 87 ސަފުހާގެ އެމެނިފެސްޓޯގައި ހަމަލާ ދިން މީހާ، ބްރެންޓަން ހެރިސް ޓެރަންޓް ވަނީ ހިޖުރަވެރިންނާއި މުސްލިމުންނާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.
ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވި ގޮތުގައި އެއީމެއިލް ފޮނުވީ ހަމަލާ ދިނުމުގެ އެންމެ ނުވަ މިނިޓު ކުރިންނެވެ.
"އޭގައި ހަމަލާ ދޭ ތަން ފަދަ ތަފްސީލު ހިމަނާފައި ނުވޭ. އަޅުގަނޑުމެންނަށް ހަމަލާ ހުއްޓުވެން އޮތް ނަމަ ޔަގީނުންވެސް ހަމަލާ ހުއްޓުވީސް،" ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން އާޑާން ވިދާޅުވި އެވެ.
އާޑާން އިތުރަށް ވިދާޅުވި ގޮތުގައި އެއީމެއިލް 30 އެކައުންޓަކަށް ލިބުނެވެ. އަދި އޭގެ ދެ މިނިޓު ފަހުން ގާނޫނު ހަދާ މަޖިލީހުގެ ސަލާމަތީ ކޮމިޓީއަށް އެމައުލޫމާތު ފޮނުވި އެވެ. ނަމަވެސް އެއީމެއިލްތައް ލިބެން ފެށިތާ މާގިނަ އިރުތަކެއް ނުވެ ފުލުހުންނަށް ވަނީ ބަޑި ޖަހަން ފެށި ކަމުގެ ހަބަރު ލިބެން ފަށާފަ އެވެ. އަދި އޭގެ 36 މިނިޓު ފަހުން އެހަމަލާއާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ބޮޑުވަޒީރު އާޑާން ވަނީ ކްރައިސްޓްޗާޗްގައި ހުންނަ ރެފިއުޖީ ސެންޓަރެއްގައި ތިބި މުސްލިމުންގެ ހާލު ބައްލަވާލައްވާފަ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ހުކުރު ދުވަހު ދިން ހަމަލާގައި މަރުވި 50 މީހުންގެ ތެރޭގައި ޕާކިސްތާން، ތުރުކީ، ސައުދީ އަރަބިއާ، ބަންގުލަދޭޝް، އިންޑޮނޭޝިއާ އަދި މެލޭޝިއާގެ ރައްޔިތުން ހިމެނެ އެވެ. އަދި އެހާދިސާގައި އަނިޔާވި 48 މީހުންގެ ތެރެއިން 39 މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން 11 މީހެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށް ބޮޑުވަޒީރު އާޑާން ވިދާޅުވި އެވެ.
އެހަމަލާތައް ދިން ބްރެންޓަން ހެރިސް ޓެރަންޓްގެ މައްޗަށް ވަނީ ގަސްތުގައި ބަޔަކު މެރުމުގެ ދައުވާކޮށްފަ އެވެ. އަދި އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމަށް ފަހު މުއްދަތު ޖަހައި، އަންނަ މަހުގެ ފަހެއްގައި ކޯޓަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ.
އެހަމަލާއާ ގުޅިގެން އިތުރު ތިން މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ.