13 Oct 2011, 21:46
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ. އިން ދައްކާ ވާހަކަތަކަކީ ނިމުމެއް ނެތް މޮޔަ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ ހުޅަނގުން ކާބަން ބޭރުކުރުން ހުއްޓާލައިފި ނަމަ، ޗައިނާ އާއި ބްރެޒިލް އަދި ދެކުނު އެފްރިކާ އިން އެކަން ކުރާނެ ކަމަށާއި ދިވެހިރާއްޖެ ނެތިގެންދާނެ ކަމަށެވެ.
ފަރަންސޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ދުވަހު ނޫހެއް ކަމަށްވާ ލެ މޮންޑޭ އަށް ދެއްވި އިންޓަވިއެއްގައި ރައީސް ވިދާޅުވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ. އިން ދައްކާ ވާހަކަތަކަކީ ހަމަ އެކަނި ދެލިކޮޕީއެއް ކަމަށާއި އެކަމުގައި އޮތީ އެއްބަޔަކު އަނެއް ބަޔަކަށް އިނގިލިދިއްކުރުން ކަމަށެވެ.
"މިހާރު ދެކެވެމުންދާ ވާހަކަތަކަކީ ނިމުމެއް ނެތް، ބޭނުމެއް ނެތް މޮޔަ ވާހަކަތަކެއް. އެކަމުގައި ވާގޮތަކީ ދެބަޔަކު (ދެގައުމަކުން) އެއްބަސްވާއިރަށް ތިން ވަނަ ބަޔަކު އައިސް އެކަމާ ދެކޮޅު ހަދާ، އެހިސާބުން އެހެން މީހުންގެ އުއްމީދު ކުޑަވޭ،" ލެމޮންޑޭ ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭއެފްޕީގައިވެ އެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއްބަސްވުމަކާ ހަމައަށް ދެވުނަސްޗ އެ އެއްބަސްވުން ވެސް ވެގެންދާނީ ބޭކާރު އެއްބަސްވުމަކަށް ކަމަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ވަނީ އޯވަހޯލް ކުރަން ޖެހިފައި ކަމަށެވެ.
"ފަގީރު ގައުމުތަކުން ދުނިޔެ ހޫނުވުމުގެ ތާރީހީ ޒިންމާ އުފުލަން ޖެހޭނީ މުއްސަނދި ގައުމުތައް ކަމަށް. އެއީ އެންމެ ފުރަތަމަ ކޯލް ފަދަ ތަކެތި އެންދި ބަޔަކީ މުއްސަނދި ގައުމުތައް ކަމަށް ވާތީ،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކާބަން ބޭރުކުރުން ހުޅަނގުން ހުއްޓާލައިފި ނަމަ ޗައިނާ އާއި ދެކުނު އެފްރިކާ އަދި ބްރެޒިލް އިން ހަމަ ގަވައިދުން އެކަން ކުރާނެ ކަމަށާއި އޭރުން ވެސް ހަމަ ދިވެހިރާއްޖެ ނެތިގެން ދާނެ ކަމަށެވެ.
"ހުޅަނގުން ކާބަން ބޭރުކުރުން ހުއްޓާލައިފި ނަމަ، ޗައިނާ އާއި ބްރެޒިލް އަދި ދެކުނު އެފްރިކާ އިން އެކަން ކުރާނެ. އަހަރެމެން ހަމަ ވާނީ މަރު، ދިވެހިރާއްޖެ ނެތިގެންދާނެ." ރައީސް ނަޝީދު ވިދާޅުވި ކަމަށް ލެމޮންޑޭ ނޫހާ ހަވާލާދީ އޭއެފްޕީ ބުންޏެވެ.