ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާ އިރު ކެންޑިޑޭޓުގެ ކުލަޔަށް އަދި ކެންޑިޑޭޓު އައި ކޮން ދިމާއަކުންތޯ ނުބަލައި ގާބިލު މީހުންނަށް ވޯޓު ދިނުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ގޮވާލައްވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ވޯޓުދޭ އިރު މީހާގެ ކުލަޔަށާއި އައި ކޮންދިމާލަކުންތޯ ބެލުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބޭފުޅަކަށް، އެބޭފުޅެއްގެ ދާއިރާއާ އިން ކުރިއަށްދެވޭނެ ބޭފުޅަކީ ކޮބައިކަން ކޮންމެ ރައްޔިތަކު ވެސް ދެނެގަންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަކީ ގިނަ ވައުދުތަކަކާއި ހުވާތަކެއް ކޮށްގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށާއި ޖުމްހޫރީ ޕާޓީ އަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނަގަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މަޖިލީހުގައި ބަސް ބުނުމުގެ ހައިސިއްޔަތު ލިބިގެން ނޫނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ކޮށް ނުދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދުވަހަކު ވެސް މާފު ނުކުރާނެ ކަމަށާއި ޔާމީނުގެ ތާއީދުގައި މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާނެ ކަމަށް މިނިސްޓަރު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަހުލާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަނީ ޔާމީންގެ ތާއީދުގައި ޕީޕީއެމް ޕީއެންސީ އިން ނުކުންނަ 32 ކެންޑިޑޭޓަކަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާނުކޮށްފައި ވަނިކޮށެވެ.