16 Mar 2019, 14:38
މިއަދު ހެނދުނު ތ. ދިޔަމިގިލީ ބޯޓު ޔާޑުގައި މަސައްކަތް ކުރަން އުޅެނިކޮށް ފައިމައްޗަށް ދަގަނޑު ފިލައެއް ވެއްޓި ފައިގެ އިނގިލިތައް ބުރިވި މީހާގެ އޮޕަރޭޝަނެއް ކުރަމުންދާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހާދިސާގައި އަނިޔާވި 36 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް ފަރުވާދެމުންދަނީ ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގަ އެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ ފައިގެ އިނގިލިތައް ބުރިވި މީހާގެ އޮޕަރޭޝަނެއް މިހާރު ކުރަމުންދާ ކަމަށާއި އޭނާގެ ހާލު ސީރިޔަސް ނޫން ކަމަށެވެ.
"ތިން އިނގިއްޔެއް އެއްކޮށް ޗިސްވެފައި އިނީ. އެ އިނގިލިތައް ބުރިކޮށްލަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވީ. އިނގިލިތައް ބުރިކޮށްލާނީ ހުޅާ ހިސާބުން. އެތަން ރިޕެޔާ ކުރުމަށް މިހާރު ސާޖަރީ ކުރިއަށްދަނީ،" އޮފިޝަލު ވިދާޅުވި އެވެ.
ބޯޓުު ޔާޑުގެ މުވައްޒަފުގެ ފައިމައްޗަށް ދަގަނޑު ފިލާ ވެއްޓުނީ ފޯކްލިފްޓުން އެ ފިލާ ތިރިކުރަން އުޅުމުގެ ތެރޭގަ އެވެ. އޭނާގެ ބުރިކޮށްލަން ޖެހުނީ އޭނާގެ ކަނާތު ފައިގެ ތިން އިނގިއްޔެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.