ދިވެހި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ މެދުގަނޑުވަރު ދޮށީ މަނިއްޕުޅުގެ މުހައްމަދު ޒާހިރު އަވަހާރަވެއްޖެ އެވެ.

މުހައްމަދު ޒާހިރު އަވަހާރުވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތައުޒިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފަ އެވެ. ރައީސް ސޯލިހު ޒާހިރު ސިފަކުރެއްވީ ތެދުވެރި ވަފާތެރި ނަމޫނާ ޝަހުސިއްޔަތެއްގެ ގޮތުގަ އެވެ.

"އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ ފަހަތްޕުޅުގައި، ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ޚިދްމަތް ކުރެއްވި ލާމަސީލު ނަމޫނާ ބޭފުޅެއް." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މުޙަންމަދު ޒާހިރު މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ހިދުމަތުގައި ހޭދަކުރެއްވި އިރު، އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ފަހެއް އޯގަސްޓް 1942ގައި މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގެން، މުޙަންމަދު ޒާހިރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއައުޒަމުގެ ހާއްސަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި، ކަސްޓަމްސްގެ ވެރިޔާކަން ހިމެނެ އެވެ.

އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވައިފަ އެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި، ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރު އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެ ފަހުން، ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަރު އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ވަނީ ފުރުއްވާފަ އެވެ.

އެމަނިކުފާނު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، އެމްޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލާ ކަމުގެ މަގާމާއި ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި ޝިޕިންގް ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި ރަޖިސްޓްރޭޝަން ޑިވިޒަންގެ ވަކީލު ކަމުގެ މަގާމު ހިމެނެ އެވެ. އަދި އެމަނިކުފާނު ވަނީ ތިން އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑު އަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.

މުޙަންމަދު ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި ވަނީ، ކަސްޓަމްސްގަ އެވެ. އެގޮތުން، ދެފަހަރެއްގެ މަތިން 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމުގައި ހުންނަވައިގެން، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކު ވަނީ އަދާކުރައްވައިފަ އެވެ.

ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް ޒާހިރަށްވަނީ ލިބިވަޑައިގެންފަ އެވެ.