16 Mar 2019, 10:58
އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސާއިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ލީޑު ރޯލަށް، ބަތަލާ ޝްރައްދާ ކަޕޫރުގެ ބަދަލުގައި ޕަރިނީތީ ޗޯޕްރާ ހަމަޖައްސައިފިއެވެ.
ފިލްމުގެ ލީޑު ރޯލު ޕަރިނީތީއަށް ލިބުނީ ޝްރައްދާ އެ ފިލްމު ދޫކޮށްލުމުންނެވެ. ފިލްމުގެ ލީޑު ރޯލުން ދެން ފެނިގެންދާނީ ޕަރިނީތީ ކަން ފިލްމު އުފައްދާ ފަރާތުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޕަރިނީތީ ފިލްމު ދޫކޮށްލައިފައި ވަނީ އެ ރޯލަށް ވަރަށް ބޮޑަށް ތަމްރީނުވެ، ބައެއް މަންޒަރުތައް ޝޫޓު ވެސް ކުރުމަށްފަހު އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމުގެ ޝޫޓިން ފެށި ނަމަވެސް، ޝްރައްދާއަށް ޑެންގީ ހުން ޖެހި، ޝޫޓިން މެދުކަނޑާލަން ޖެހުނީއެވެ. އޭގެ ފަހުން ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތީ އޭޕްރީލް މަހުއެވެ. ނަމަވެސް ޝްރައްދާ މިހާރު އިތުރު ހަތަރު ފިލްމެއްގެ މަސައްކަތް ވަނީ ފަށައިފައެވެ. އަދި ސާއިނާގެ ބަޔޮޕިކް ދޫކޮށްލަން ޖެހުނީ ވެސް ޝޫޓިން ފުށޫއަރާތީ އެ ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.
ޝްރައްދާ މިހާރު މަސައްކަތް ކުރަމުން އަންނަނީ 'ސާހޯ'، 'ސްޓްރީޓް ޑާންސާ'، 'ޗިޗޯރޭ' އަދި ބާޣީ 3' ގައެވެ. ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނީ މި އަހަރު ކޮންމެހެން ވެސް ފިލްމުގެ ޝޫޓިން ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ރިލީޒްކުރަން ބޭނުންވާ ކަމަށާއި، އެހެންކަމުން އިތުރަށް ފިލްމު ފަސްކުރެވެން ނެތް ކަމަށެވެ. އަދި ޝްރައްދާގެ ނިންމުމަކީ އެންމެނާ މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ކަމަށްވެސް ބުންޏެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ ކުޅިވަރާ ގުޅުން ހުރި ފިލްމެއް ކުޅެން އޭނާ ވަރަށް ބޭނުންވެފައި ހުރި ކަމަށާއި، ބެޑްމިންޓަން ކުޅެން ދަސްކޮށް، ސާއިނާގެ ކާމިޔާބީ އެންމެނަށް ގެނެސްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.