16 Mar 2019, 11:21
އަލްޖަޒާއިރު ( މާޗް 16) : އަލްޖަޒާއިރުގެ ރައީސް އަބްދުލްއަޒީޒް ބޫތާފްލީގާގެ އިސްތިއުފާ އަށް ގޮވާލައި މިހާތަނަށް ކޮށްފައިނުވާ ވަރުގެ ބޮޑު މުޒާހަރާއެއް ވެރިރަށް އަލްޖަޒާއިރުގައިކޮށްފި އެވެ.
ހުކުރު ދުވަހު މެންދުރު ފަހުން ކުރި އެ މުޒާހަރާގައި ބައިމިލިޔަނެއްހާ މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނާއިރު މުޒާހަރާ ނިމިގެންދިޔައީ ސުލްޙަވެރިކަމާއެކުގައި ކަމަށް އެގައުމުގެ އަމަނާ ބެހޭ އިދާރާތަކުން ބުނެ އެވެ. މުޒާހަރާކުރި މީހުން ވަނީ ރިޔާސީ ދައުރު އިތުރުކުރުމަށް ބޫތާފްލިގާ ދާދިފަހުން ނިންމެވި ނިންމެވުމަކީ ޣައިރު ދަސްތޫރީ ނިންމުމެއް ކަމަށް ސިފަކޮށް ވަގުތުން އިސްތިފާ ދެއްވުމަށް ބޫތާފްލީގާ އަށް ގޮވާލައިފަ އެވެ.
ކުރިން އަލްޖަޒާއިރުގެ ރައްޔިތުން މުޒާހަރާކުރީ ރިޔާސީ ފަސް ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ބޫތާފްލީގާ ނިންމެވުން އެކަމާދެކޮޅަށެވެ. ނަމަވެސް ރައްޔިތުންގެ މުޒާހަރާތަކާ ގުޅިގެން މިދިޔަ ހަފްތާގައި ބޫތާފްލީގާ ވަނީ ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ނިންމަވައިފަ އެވެ. އެގޮތަށް ނިންމެވީ ސިއްޙީ ހާލުކޮޅު އެކަމަށް ތަންނުދިނުމާއި އުމުރުފުޅު މާމައްޗަށް ދިޔުމުން ރިޔާސީ ޒިންމާތައް އުފުއްލަވަން ދަތިފުޅުވާތީ ކަމަށް ވެސް ބޫތާފްލީގާ ނެރުއްވި ބަޔާނެއްގައިވެ އެވެ.
ނަމަވެސް މިއާއެކު ބޫތާފްލީގާ ވަނީ މުއްދަތެއްނެތި ރިޔާސީ ދައުރު އިތުރުކުރުމަށް ވެސް ނިންމަވައިފަ އެވެ. ބޫރާފްލީގާގެ އެ ނިންމެވުމާ އެކު އަލްޖަޒާއިރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު މިހާރުވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. ބޫތާފްލީގާ އަލްޖަޒާއިރުގައި ރައީސްކަން ކުރައްވަނީ 1999 ވަނަ އަހަރުން ފެށިގެންނެވެ.
އިއްޔެގެ މުޒާހަރާއަކީ ބޫތާފްލީގާގެ އިސްތިއުފާ އަށް ގޮވާލައި އަލްޖަޒާއިރުގައި މިހާތަނަށް ކޮށްފައިނުވާ ވަރުގެ ބޮޑު ވުޒާހަރާއެއްކަމަށް އެގައުމުގެ މީޑިއާ އިން ވެސް ވަނީ ސިފަކޮށްފަ އެވެ. މިއީ ބޫތަފްލީގާގެ ވެރިކަން ދިގުލައިގެން ދިޔުމާ އެކު އޭނާ އަދި ވެސް ހުންނެވީ ވެރިކަން ދޫކޮށްލައްވާ ގޮތަށް ނޫންކަމުގެ އިޙްސާސް ރައްޔިތުންނަށް ކުރެވި ރައްޔިތުންގެ ހިތްތައް ނުތަނަވަސްވެގެން ކުރި މުޒާހަރާއެއްކަމަށް އެގައުގެ އާންމުންވަނީ ސިފަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)