ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސްސަ (ޑީޕީއާރްއެސް) ގެ ތެރޭ ހިނގަމުންދާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކަކާއި އަދި އެތަނުގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހިފައިވަނީ ވަރަށް ރައްކާތެރިކަން ކުޑަ މާހައުލެއްގައި ކަމަށް، ޑީޕީއާރްއެސްގެ ކޮމްޕްޔަންސް އޮޑިޓަށްފަހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފި އެވެ.

ސަރުކާރުގެ އޮފީސްތައް ހިންގަމުންދަނީ ސިވިލް ސާވިސްގެ ގަވައިދުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރަމުންދާ މަސައްކަތުގައި ޑީޕީއާރްއެސް އޮޑިޓްކުރުމަށްފަހު ސިވިލް ސާވިސް އިން މިއަދު އާއްމުކުރި ރިޕޯޓުގައި ޑީޕީއާރްއެސްތެރޭ ރަނގަޅުކުރަން ޖެހޭ 46 ކަމެއް ފާހަގަކުރެވިފައިވެ އެވެ.

އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އެލަވަންސް ދިނުމުގައި ހުރި އޮޅުންތަކާއި އަދި ގަޑި އޮޅުވާލައިގެން މުސާރައާއި އެލަވަންސްގެ އިތުރުން އޯޓީ ނަގާފައިވާ މައްސަލަތައް ފާހަގަކޮށްލެވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުގައި، ޑީޕީއާރްއެސްގެ ބަޖެޓް ސެކްޝަނާއި އަދި ސެކްޝަންތަކާ ދެމެދު ރަނގަޅަށް މުއާމަލާތް ކުރެވިފައި ނެތުމުން ވަޒީފާގައި ނޫޅޭ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ތިބި މީހުންނަށް ވެސް ފައިސާ ދޫކޮށްފައިވެ އެވެ.
"އަދި މިފަދަ ބައެއް ހާލަތުގައި، ފައިސާގެ ހިސާބުތަކުގެ ތަފްސީލު ބަޔާން ނުކޮށް، ލިޔެކިޔުމަށް ގެންނަންވާ އިސްލާހު ނުގެނެސް، އިތުރަށް ދެވިފައިވާ ފައިސާ ބައެއް މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވެ އެވެ. މިހެންވުމުން، އުނިކުރެވިފައިވާ ފައިސާއަކީ ކޮން ކަމަކާ ގުޅިގެން އުނިކުރެވުނު ފައިސާއެއް ކަމެއް ނޭނގެ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި ބައެއް ސީނިއާ މުވައްޒަފުން އޮފީހަށް ހާޒިރުވެ، ގަޑިޖެހުމުގެ ފަހުން "ސްލިޕް" ފުރައިގެން ގަޑި ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާއިރު ޑީޕީއާރްއެސްގެ މައި އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންވަނީ ސިސްޓަމުން ސައިން އައުޓް ނުވެ، އުޅުމަށްފަހު އޮފީސް ބަންދުކުރާ ފަހުން ރޭގަނޑު ވަގުތުތަކުގައި މާލެ ޖަލުގެ ސިސްޓަމްތަކުން ސައިން އައުޓްކޮށްފަ ކަމަށެވެ.

ޑިޕާޓްމަންޓުގެ ލޯންޗުފަހަރު އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން 492 މުވައްޒަފުން މަސައްކަތްކުރަމުންދާ ޑީޕީއާރްއެސްގައި ތަފާތުކުރުން ގެންގުޅޭކަން ވެސް ސީއެސްސީން ވަނީ ފާހަގަކޮށްފަ އެވެ.

"ޖަލުތަކުގެ ވަޒީފާއަކީ ރިސްކް އެލަވަންސް ވަޒީފާއަކަށްވީއިރު، ޖަލުތަކުގެ ވަޒީފާއަށް ހަމަޖައްސާފައިވާ ބައެއް މުވައްޒަފުންގެ މަސައްކަތް މައި އޮފީހަށް ބަދަލުކޮށް، އެ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދެމުން ގެންދެވެ އެވެ. މިއާ ހިލާފަށް މައި އޮފީހުގެ ވަޒީފާއަށް ހަމަޖެހިފައިވާ ބައެއް މުވައްޒަފުންގެ މަސައްކަތް ޖަލުތަކަށް ބަދަލުކުރެވިފައިވީ ނަމަވެސް އެ މުވައްޒަފުންނަކަށް ރިސްކް އެލަވަންސެއް ނުދެވެ އެވެ،"

އަދި ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަހަރަކު ހަތަރު ޔުނިފޯމް ދޭން ޖެހޭއިރު، މިދިޔަ އަހަރު ބޫޓު ފިޔަވައި އެއްވެސް އެއްޗެއް ދީފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ޖަލުތަކުގެ މުވައްޒަފުންނަށް ޗުއްޓީ ނުދީ ހިފަހައްޓާ ކަމަށާއި އަދި ގަވައިދާ ހިލާފަށް، މުސާރަ ނުލިބޭ ޗުއްޓީ ދީފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެ އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ހަމަނާފައިވާ 400000ރ. އަށް ވުރެ ބޮޑު ބަޖެޓު "ފުރިހަމަ ގޮތުގައި ބޭނުންކުރެވިފައިނުވާ" ކަމަށް ވެސް ސީއެސްސީން ބުނެފައިވެ އެވެ.

މީގެ އިތުރުން ޑީޕީއާރްއެސްގެ މުވައްޒަފުންގެ މަސައްތުގެ މާހައުލާ ގުޅޭ ބޮޑެތި މައްސަތަކެއްވެސް އެކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބައެއް ގައިދީންގެ ފަރާތުން ބިރުދެއްކުމުގެ އިންޒާރު ލިބިފައިވާތީ މުވައްޒަފުންގެ މެދުގައި ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ޑީޕީއާރްއެސް މައި އޮފީހުގެ ޖާގައަށް ވުރެ އިތުރު އަދަދަކަށް ގައިދީން ބައިތިއްބާ ކަމަށާއި ކުއްލި ހާލަތެއްގައި ބޭނުންކުރަން ޖެހޭ އާލާތްތައް ވެސް އެތަނުގައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މާލޭ ޖަލުގައި މުވައްޒަފުން އެކަށީގެންވާ ރައްކާތެރި މާހައުލެއް ގާއިމްކުރެވިފައި ނުވާކަން ފާހަގަކުރެވެ އެވެ. އެގޮތުން މުވައްޒަފުން މަސައްކަތްކުރާ އޮފީހަށް އެރުމަށް ބޭނުންކުރާ ސިޑީތަކަކީ ޖަލުތެރޭ ވީއްލިފައި ތިބޭ ގައިދީންވެސް ބޭނުންކުރާ ސިޑިތަކެއްކަން ފާހަގަކުރެވެ އެވެ. އަދި އޮފީސްހުރި ފަންގިފިލާ ދޮރުތަކަކީ ތަޅުލެވިފައި ހުންނަ ދޮރުތަކަކަށް ނުވާތީ އޮފީހުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ ފުރުސަތު ގައިދީންނަށް ހުޅުވިފައި އޮތް ކަމަށް ފެނެ އެވެ."

ހަމަ އެއާއެކު، ޑީޕީއާރްއެސްގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ވެސް އެރިޕޯޓުގައިވެ އެވެ. "ނަމަވެސް، މިފަދަ އެއްވެސް ކަމެއްގައި ރެކޯޑެއް ފެންނާކަށް ނެތެވެ. އަދި މިފަދަ ކަންތައްތައް ރިޕޯޓްކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރެވިފައި ނެތްކަން ވެސް ފާހަގަކުރެވެ އެވެ." ރިޕޯޓުގައިވެ އެވެ.

ސިވިލް ސާވިސް އިން ބުނަނީ އޮޑިޓުން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރެއިން ވަގުތުން އިސްލާހުކުރަން ޖެހޭ ގިނަ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާކުރުމަށްޓަކައި ހޯމް މިނިސްޓްރީއާ ދެމެދު މަޝްވަރާކުރެވެމުންދާ ކަމަށާއި އަދި މުވައްޒަފުންނާމެދު އިސްލާހީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.