13 Oct 2011, 18:13
ތެހެރާން (އޮކްޓޯބަރު 13) : އިންސާނަކު ޖައްވަށް ފޮނުވުމަށް އީރާންކުރަމުންގެންދާ ތަޖްރިބާތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްތަޖްރިބާ ކަމުގައިވާ ފަޒާއަށް ރާމާމަކުނު ފޮނުވުމުގެ ތަޖްރިބާގައި އީރާނުގެ ފަޒާއާބެހޭ އިދާރާ ނާކާމިޔާބު ވެއްޖެވެ. އީރާނުގެ ފަޒާއާބެހޭ އިދާރާއިން ބުނީ ރާމާމަކުނެއް ޖަށްވަށް ފޮނުވުމަށް ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށާއިރާމާމަކުނާ އެކު ފަޒާއަށް ފޮނުވާލި ރޮކެޓް އަމާޒަށް ވާސިލުނުވެ ވެއްޓިފައިވާ ކަމުގައެވެ.
ނަމަވެސް މިކަމަށް މީގެކުރިން ކުރި ބައެއް ތަޖްރިބާތަކުގައި އީރާނުގެ ސައެންސްވެރިންވަނީ ކާމިޔާބު ހޯދާފައެވެ. މީގެތެރޭގައި މީދަލާއި ކަހަނބު އަދި ފަނި ފަކުސަފަދަ ދިރޭތަކެތި ޖައްވަށް ފޮނުވުން ހިމެނެއެވެ. އީރާނުން ފަޒާއަށް ފޮނުވާފައިވާ މިޝަންތަކުގައި މިތަކެތި ދިރިއްބައި ޖައްވަށް ފޮނުވައި އެކަމުގެ ތަޖްރިބާ ޙާސިލްކޮށްފައިވެއެވެ.
އީރާނުން ގެންދަނީ 2020 ގައި އިންސާނަކު ޖައްވަށް ފޮނުވުމަށް ވަރަށް އުންމީދީ ޕްލޭނެއް ރާވައި އެޕްލޭން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް ޖައްވަށް ފޮނުވުމަށް މަސައްކަތްކުރި އެންމެ ބޮޑު ކާއިނާތަކީ ރާމާމަކުނެކެވެ. އީރާނުގެ ފަޒާއާބެހޭ އިދާރާއިންބުނީ އިތުރު ރާމާމަކުނެއް ފަޒާއަށް ފޮނުމަށް މަސައްކަތްކުރާނެކަމަށާއި މިކަން ކާމިބުވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައެވެ. ރާމާމަކުނެއް ފޮނުމަށް މިފަހަރުގެކުރި ތަޖްރިބާއިން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބުކަމަށާއި އެއީ މުސްތަޤްބަލްގައި ކުރިޔަށް ދިޔުމަށް ވަރަށް މުހިއްމު ތޖްރިބާތަކެއް ކަމަށްވެސް އީރާނުގެ ފަޒާއާބެހޭ ސައެންސްވެރިން ބުނެއެވެ.
ރާމާމަކުނެއް ޖައްވަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް ބުނިނަމަވެސް ދެން އެފަދަ ތަޖުރިބާއެއްކުރާނެ ތާރީޚެއް އެގައުމުން ހާމައެއް ނުކުރެއެވެ. އީރާނަކީ ފަޒާއަށް ސެޓަލައިޓް ފޮނުވުމުގެ ޤާބިލްކަން ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ހަމައެކަނި އިސްލާމީ ޤައުމެވެ.
2020 ވަނަ އަހަރު އީރާނުގެ އަމިއްލަ ޖައްވީ އުޅަނދެއްގައި އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވުމަށް އެޤައުމުގެ އެތަށް ސަތޭކަ ސައެންސްވެރިންނާއި އިންޖިނޭރުން ގެންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މި ކަމަށް ބޭނުންވާ ޖައްވީ އުޅަނދު ބަނުމުގެ މަސައްކަތްވެސް އީރާނުގެ ފަޒާއާބެހޭ ސައެންސްވެރިންނާއި އިންޖިނޭރުންނާއި މޭސްތިރިން ގެންދަނީ ކުރަމުންނެވެ. (ފާރިސް ނޫސް އެޖެންސީ)