15 Mar 2019, 17:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި އިހުލާސްތެރި މަސައްކަތް ގަބޫލު ނުކުރާނަމަ އެ ޕާޓީގައި ހުންނާކަށް ބޭނުން ނުވާކަމަށް އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީނުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމުން އަލީ ވަހީދު މީގެ ކުރިން ވަނީ ފާޑު ވިދާޅުވެފައެވެ.
ހުޅުމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އެޕާޓީގެ ޑެޕިއުޓީ ޗެއާ އަލީ ނިޔާޒުގެ ކެމްޕޭން ޖަލްސާގައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ކޯލިޝަނުގެ ބައިވެރިން ކުރި އިހުލާސްތެރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ގަބޫލުނުކުރެވޭނަމަ އެ ޕާޓީގައި ހުންނަން ބޭނުންފުޅު ނުވާކަމަށެވެ.
އަދި ގާސިމް އޭނާއަށް އިތުބާރު ނުކުރައްވާނަމަވެސް ޕާޓީގައި ހުންނަން ބޭނުން ނުވަކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުގެ އިތުބާރުވެސް އޭނާއަށް ނެތްނަމަ މިނިސްޓަރުގެ މަގާމުގައި ނުހުންނަވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދުވަހަކުވެސް ބޭނުމެއް ނޫން އަޅުގަނޑުމެން ކުރި އިހުލާސްތެރި މަސައްކަތް ޖުމްހޫރީ ޕާޓީއާ ޖުމްހޫރީ ޕާޓީގެ ލީޑަރު އެކަން ގަބޫލު ނުކުރެވެންޔާ [އަދި] އިތުބާރު ނުކުރެވެންޔާ އެ ޕާޓީގައި އެންމެ ސިކުތަކުވެސް ހުންނާކަށް،" އަލީ ވަހީދު ވިދާޅުވިއެވެ.
"ނާށިގަނޑަށް އަނިޔާވެރިކަން ވައްޓާލީމާ އޭގެ ފަހަތުން ނުދެވޭނެ އަޅުގަނޑުމެންނަށް"
ރޭ ޖަލްސާގައި އަލީ ވަހިދު ވިދާޅުވީ، ޕާޓީގެ ލީޑަރު ގާސިމްއާ އޭނާއާ މައްސަލައެއް ނެތް ކަމަށާއި ހިތްހަމަނުޖެހުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީނު ނެރުއްވި ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ގާސިމް ނިންމެވި ނިންމެވުމާ މެދު ކަމަށެވެ.
"ޕާޓީގެ ނުވަތަ އެމަނިކުފާނުގެ އެނިންމުމާ ދޭތެރޭގައި އަޅުގަނޑުމެންގެ މައްސަލަ ވަރަށް ބޮޑު. އެއީ އަޅުގަނޑުމެން ގަބޫލުކުރާނެ އެއްޗެއް ނޫން،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ މަޖިލިސް އިންތިހާބަށް ވާދަކުރުމާ މެދު ކޯލިޝަން ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުގެ މާނައަކީ ރައީސް ޔާމީނާއެކު މަސައްކަތްކުރުން ނޫން ކަމަށެވެ.
#HappeningNowAgenda19@ali_niyaCampaign Jalsa .
Jumhooree Party ge Raees@ali20waheedvahakafulhu dhahkavanee
“Vote Candidate No.6 ✔️Ali Niyaz For Hulhumale adhaairaa”.
#Live#Agenda19#ThilafahathahMajilis#VoteNiyapic.twitter.com/37stX4UWjK— Niyaz 2019 (@Niyaz2019)March 14, 2019
އަދި އެތައް ބައެއްގެ ގުރުބާނީއާއެކު ވެރިކަމަށް އައި ސަރުކާރުގައި ހިމެނޭ ކޯލިޝަން ރޫޅާލުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.
"ނާށިގަނޑަށް އަނިޔާވެރިކަން ވައްޓާލީމާ އޭގެ ފަހަތުން ނުދެވޭނެ އަޅުގަނޑުމެންނަށް" އަލީ ވަހީދު ވިދާޅުވިއެވެ.
ޒުވާން އުމުރުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުކަންވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅުނު އިރު ގާސިމްގެ އަރިހުގައި ދެ ކަމަކަށް ޝަރުތު ކުރެއްވި ކަމަށެވެ. އެއް ކަމަކީ އެމްޑީޕީ ގައިގައި ކޮޅުފައިން" ޖެހުމަށް ނުބުނުން ކަމަށާއި އަނެއް ކަމަކީ "ހިތަށް އަރާ އެއްޗެއް ބުނުމުގެ ފުރުސަތު އޮންނަންޖެހުން" ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު 32 ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމަވާފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ވަނީ ޖުމްހޫރީ ޕާޓީގެ 26 ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައެވެ.