08 Jun 2010, 10:09
14:30
ގާނޫނު އަސާސީއާ ހިލާފް ގާނޫނުތަކާއި، ގާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލްގެ ބަހުސް މިއަދު ފައްޓަވައިފި އެވެ.
ގާނޫނު އަސާސީއާ ހިލާފް ގާނޫނުތަކާއި، ގާނޫނުތަކުގެ ބައިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރު ހުށަހަޅުއްވީ، ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އެ ގަރާރަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ގަރާރަށް ތާއީދު ކުރެއްވި އެވެ.
ނަމަވެސް ބައެއް މެންބަރުން ވިދާޅުވީ، މިހާރު އުވިފައިވާ ގާނޫނުތަކަކީ ކޮބައިކަން ނޭނގުމާއި ގާނޫނު އަސާސީއާ ތައާރަޒުވަނީ ކޮން ގާނޫނުތަކެއްގެ ކޮން ބައެއްކަން އެނގެން ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް. އަދި އެ ގަރާރުގައިވާ ކަންތައްތަކަކީ މަޖިލީހުގެ ޖަލްސާތައް ދަންމާލައިގެން ވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި ގަރާރަށް މެންބަރުން ވާހަކަ ދައްކަވައި ނިންމެވުމުން، ގަރާރާ ބެހޭގޮތުން މެންބަރުން ފާޅުކުރެއްވި ނުކުތާތައް އޮޅުންފިލުއްވައިދެއްވަމުން ނަޝީދު ވިދާޅުވީ، މި މަސައްކަތަކީ އަލަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މަސައްކަތެއް ނޫން ކަމަށެވެ. އަދި އެ ގަރާރުގައިވާ މައުލޫމާތުތަކާ ބެހޭގޮތުން ބައެއް މެންބަރުން ވަގު ބަދުނާމް އެޅުއްވި ނަމަވެސް އެ ތަކެއްޗަކީ ވަގަށް ނަންގަވާފައިވާ ތަކެތި ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އަލަށް އަމަލުކުރަން ފެށި ގާނޫނު އަސާސީއާ ތައާރަޒުވާ ގާނޫނުތަކާއި އުވި ގޮސްފައިވާ ގާނޫނުތައް، ކުރީގެ ސަރުކާރުން ކުރީގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ސަރުކާރުގެ ޒިންމާ އަދާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކުރީގެ ރައްޔިތުންގެ މަޖިލީސް އުވިދިޔައީ މަޖިލީހުގެ އޭރުގެ ރައީސް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެންނަވަނީސް ކަމަށް ވިދާޅުވެ ބައެއް ގާނޫނުތައް ގާނޫނު އަސާސީއާ ތައާރަޒުވާކަމުގެ ހެކި ވެސް ނަޝީދު މަޖިލީހަށް ދެއްވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ބަހުސް ފައްޓަވައިފަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، މި ބިލަކީ މަޖިލީހުގެ މަސައްކަތް ހަލުވިކޮށް، ގާނޫނީ ހަމަތަކުގެ މަތީން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން މެންބަރުންނަށް އިމްތިޔާޒުތަކެއް ލިބިދިނުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމަށް މެންބަރުންނަށް ލިބިފައިވާ ހައްގުތައް ހިމާޔަތް ކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިބިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށާއި، އަމީން އާއްމުގެ އިތުރުން މަޖިލީހުގައި ރަސްމީ މަސައްކަތްކުރާ ފަރާތްތަކަށް ހިމާޔަތް ލިބޭނެ ކަމަށް ވެސް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.