13 Oct 2011, 17:22
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ މައްޗަށް ކުރާ މަކަރާއި ހީލަތް ހެއްދެވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް ނާޒިމްގެ ފަރާތުން ހެކިން ހުށަހަޅައިފި އެވެ.
ނާޒިމްގެ ފަރާތްޕުޅުން ހެކި ހުށަހެޅީ ކުރީގެ އެޓޯލްސް މިނިސްޓްރީން ގަނެފައިވާ ބަނދަރު ބައްތިތައް ގަތުމަށް ބިޑު ހުށަހެޅި ކަމަށްބުނާ ދެ ކުންފުނި ކަމަށްވާ ޓެކް މީޑިއާ ސާވިސް އާއި ސްޓޭންޑަޑް އިލެކްޓްރިކަލް ވޯކްސް އިން ބިޑު ހުށަހަޅާފައިވަނީ އެ ދެ ކުންފުންޏަށް ނޭނގިކަމަށް ޕީޖީން ބުނާތީ އެކަން ކޮށްފައި ވަނީ ދެ ކުންފުންޏަށް ވެސް އެނގިގެކަން ސާބިތުކޮށދިނުމަށެވެ.
"ޕީޖީން އެބަބުނޭ ބަނދަރު ބައްތިތަށް ގަތުމަށް ބިޑު ހުށަހެޅީ ޓެކް މީޑިއާ ސާވިސް އާއި ސްޓޭންޑާޑް އިލެކްޓްރިކަލް ވޯކްސްއަށް ނޭނގިކަމަށް އެހެންކަމުން އެ ބިޑުހުށަހެޅީ އެ ދެ ކުންފުންޏަށް އެނގިގެންކަން ސާބިތުކޮށްދިނުމަށް ނާޒިމުގެ ފަރާތުން ހެކީންގެ ގޮތުގައި އެ ދެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުންގެ ނަން މިއަދު މި ހުށަހެޅީ" ނާޒިމްގެ ވަކީލު ރޭނިޒް މުހައްމަދު ސަލީމް ވިދާޅުވިއެވެ.
ދުއިސައްތަ ވިހި ބައްތި، ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ލިބިފައިވާކަން ސާބިތުކޮށްދިނުމަށް ނާޒިމުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންނަކީ އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމާއި އެޓޯލްސް މިނިސްޓްރީގައި މަސައްކަތް ކުރި މޫސާ ނަސީމު ގެ ނަމެވެ. މީގެއިތުރުން އެ ޕްރޮޖެކްޓަށް ޚަރަދުވި ފައިސާ ހޯދުމަށް ޕީޖީން ދައުވާގައި އެދިފައިވާތީ އެކަމަށް ވެސް ނާޒިމް ވަނީ ހެކިން ހުށަހަޅުއްވާފަ އެވެ.
ޕްރޮޖެކްޓަށް ހަރަދުވި ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރާތީ ނާޒިމްގެ ވަކީލު ވިދާޅުވީ ބައްތިތައް އެޓޯލްސް މިނިސްޓްރީއަށް ލިބިފައިވާ ނަމަ އެ ފައިސާ ހޯދުމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލު ވަނީ ނާޒިމާ ދެކޮޅަށް ހެކި ހުށަހަޅައި ހެކިތައް ތަފްސީލުކޮށްދެއްވާފަ އެވެ. ވަކީލު ވިދާޅުވީ ތަހުގީގު ރިޕޯޓާއި މައްސަލައިގައި ސަރުކާރުން ދޫކޮށްފައިވާ ޗެކުތަކާއި ނަމީރާ އިންޖިނިއަރިންގެ އޮފީހުން ފުލުހުން ނެގި ހާޑު ޑިސްކުން ފެނުނު ޓެކް މީޑިއާ ސާވިސަސް އާއި ސްޓޭންޑާޑް އިލެކްޓްރިކަލް ވޯކްސްގެ ލެޓާ ހެޑް ފެނިފައިވާކަމަށް ބުނެ ލެޓާހެޑް ފެނުނު ކަމުގެ ލިޔުން ހުށަހަޅާފައި ވަނީ ނާޒިމްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމާލެއްވީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާމެދު ބަހުސް ކުރުމުގެ ފުރުސަތު ދެން އޮންނަ އަޑުއެހުމެއްގައި ނާޒިމަށް އޮންނާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު އެވެ.