އާސެނަލް އަށް އުނި ވަނީ ގޯލުތަކެއް ކަމަށް އެ ކުލަބުގެ ކުރީގެ ތަރި ޑެނިސް ބާކޭމްޕް ބުނެފިއެވެ. ގޯލު ޖަހާނެ ފޯވާޑަކާއި ބޯޅަ ފޯރުކޮށްދެވޭނެ މޮޅު މިޑްފީލްޑަރެއް ހޯދުމަށް އާސެނަލުގެ ކޯޗު އާސެން ވެންގާ އަށް ބާކޭމްޕް ވަނީ ގޮވާލައިފަ އެވެ.

މީގެ 11 އަހަރު ކުރިން އާސެނަލް އިން ވަކިވި ބާކޭމްޕް ގަބޫލުކުރާ ގޮތުގައި އެކުލަބުގެ ކެޕްޓަން ރޮބިން ވެން ޕާސީ ރަނގަޅު މަގާމުގައި ބަހައްޓައިފިނަމަ، ގޯލުތަކެއް ފެނުން ގާތެވެ. އަދި ވެން ޕާސީ ރަނގަޅު ގޮތުގައި ބޭނުން ކުރެވިއްޖެ ނަމަ، އާސެނަލް އަށް ކާމިޔާބީ ތަކެއް ލިބިގެންދާނެ ކަމަށް ވެސް ބާކޭމްޕް ގަބޫލުކުރެއެވެ. ގިނަ މެޗުތަކަކުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހި ޕްރެމިއާ ލީގުގެ ފަނަރަ ވަނާގައި އުޅެން ޖެހޭ އެއް ސަބަބަކީ ގޯލުތަކެއް ކާމިޔާބު ނުކުރެވުން ކަމަށް ބާކޭމްޕް ބުނެއެވެ.
"ވެން ޕާސީ އަށް ބަލާލައިފި ނަމަ، އޭނާ މިފެންނަނީ އެންމެ ކުރީގައި ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި. އެނާ އަށް އެންމެ ރަނގަޅުވާނީ އަހަރެން ކުޅެމުން އައި މަގާމު. މިހާރު އާސެނަލް އިން ކުޅެމުންދަނީ އިތުރު މިޑްފީލްޑަރެއް ވެސް ބޭނުން ކޮށްގެން. ވެން ޕާސީގެ ފަހަތުން ކުޅުންތެރިއެއް ހޯދިއްޖެ ނަމަ ފަހިމަގެއް ފެނިދާނެ." ޑެއިލީ މެއިލް އާއި ވާހަކަދައްކަމުން ބާކޭމްޕް ބުންޏެވެ.

މިއަހަރުން ފެށިގެން ފްރާންސް ގެ ކުލަބެއް ކަމަށްވާ އަޔެކްސް ގެ އެސިސްޓަންޓް ކޯޗެއްގެ މަގާމުގައި ހުރި ބާކޭމްޕަކީ އާސެނަލް ގެ ކާމިޔާބީ ދުވަސްވަރު އެޓީމުގައި އިސްދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެގޮތުން އާސެނަލް އަށް 11 އަހަރު ދުވަހު ކުޅުނު 411 މެޗުން ބާކޭމްޕް ވަނީ 120 ގޯލު ކާމިޔާބު ކޮށްދީފައެވެ. އާސެނަލް އިން ކެރިޔަރު ނިންމާލި ބާކޭމްޕް އަކީ އަޔެކްސް އަށާއި އިންޓަމިލާނަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.