"ބަލިވެ އުޅޭތާ ލައްކަ ދުވަސްވެއްޖެ. އެތައް ފަހަރަކު ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދިއްޖެ. އަސްލު ބައްޔެއް އެކަމަކު ވެސް ނޭނގެ،" ކ. މާލެ އަށް އުފަން އަހްމަދު ސުޖާއު ޔަހްޔާ 30،ގެވާހަކަ ފެށީ މިހެންނެވެ.

އޭނާ އަކީ ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ތަހައްމަލު ކުރާ މީހެކެވެ. ބަލި ނޭނގި ފަސް އަހަރު ވޭތުވެ ދިޔަ އިރު ވެސް ކެނޑި ނޭޅި އޭނާ މަސައްކަތް ކުރަނީ އޭނާއަށް ޖެހިފައިވާ ބަލި ދެނެގަތުމަށެވެ.

"ފުއްޕާމޭގައި ރިއްސާތީ އެންމެ ފުރަތަމަ އުޅުނީ. ދެން ކެތް ނުވާ ވަރަށް ރިއްސާތީ ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތަކެއް ހެދިން. ހެދީމަ އެނގުނީ ފުއްޕާމޭ ވެސް ލިވާ ވެސް ހުރީ ދުޅަވެފައި ކަން. ދެން ކިޑްނީ އިންނަ ހިސާބަށް ވެސް ރިއްސާ. ދެއްކީމާ ބުނީ ކިޑްނީގައި ހިލަ އުފެދިފައޭ،" ސުޖާއު ބުންޏެވެ.

އޭނާގެ ބަލި ހާލަތު 'ސަން ކުލުނު' އާ ހިއްސާކުރަމުން އޭނާ ބުނީ މިހާރު އޭނާގެ ކަނައަތު ލޯ މަޑު މަޑުން ދުޅަވާ ކަމަށެވެ. އަދި ނޭވާ ހިތްލާ ހިނގުމުން ވަރުބަލިވާ ގޮތް ވެސް ވާކަމަށެވެ. އަދި ފަހަކަށް އައިސް އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާ ފައިތިލަ ދުޅަވާން ފަށާފައިވާ ކަމަށެވެ.

ސުޖާއު ބުނީ ޑަކްޓަރަށް ދެއްކުމުން އިންޖަކްޝަންތަކެއް ޖަހާ އެންޓިބައޮޓިކްދޭ ކަމަށެވެ. ނަމަވެސް މިހާރު އެ އެންޓިބައޮޓިކް ބޭސްތަކަށް އެއްވެސް ގޮތަކަށް ހަށިގަނޑަކާ ނުގުޅޭ ކަމަށެވެ.

"ޑަކްޓަރުން ދީފައި އެބަހުރި އެންޓިބައޮޓިކް އެއް. އެކަމަކު މިހާރު އެ ބޭސް ކައިގެން ވެސް ނުހިފޭއްޓޭ. އެއްވެސް އަސަރެއް ނުކުރޭ. ބައެއް އެއްޗެހި ކެއުން ވެސް މަނާ. ވަރަށް ނުކެވޭ މިހާރު. އެކަމަކު ވެސް ބަރުދަން ވެސް ލުއި ނުވޭ. ހައްތަހާ ބަރުވަނީ،"

ސުޖާއު ބުނީ ގިނަ ޓެސްޓްތަކެއް ހެދި ނަމަވެސް އެއްވެސް ކަހަލަ ނަތީޖާއެއް ނުދައްކާ ކަމަށާއި ހުރިހާ ކަމެއް ވެސް 'ނޯމަލް' ކަމަށް ދައްކާ ކަމަށެވެ.

ރާއްޖެ އިން ބޭރުން އަންނަ ސްޕެޝަލިސްޓުންނަށް ވެސް ވަރަށް ގިނައިން ދައްކާ ކަމަށާއި އެ މީހުންވެސް ބައިވަރު ޓެސްޓުތަކެއް ހަދަންދިން ނަމަވެސް ޓެސްޓުގެ ނަތީޖާއިން ލިވާގައި މައްސަލަ އުޅޭކަން ދެނެގަނެވުނު ކަމަށެވެ.

"ބައްޔަކީ ކޮބައިކަން ނޭނގޭތީ ދެރަވަނީ. މިހާތަނަށް ވެސް ބަލީގެ ނަމެއް ވެސް ދެނެގަނެވިފައެއް ނެތް. ވެފައި ހުރި ގޮތެއް ވެސް އެނގެނީއެއް ނޫން،"

އެންސްޕާގެ ދަށުން މިހާރު އާސަންދަ ހަމަޖެހިފައިވާ ކަމަށާއި އަންނަ މަހު ހައެއްގައި އިންޑިއާގެ އިތުރަށް ފަރުވާ ހޯދުމަށް ފުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ 'ސަން ކުލުނު' އަށް ބުންޏެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް އިތުރު ޓެސްޓްތަކެއް ހަދަން ނިމްފާއިވާ ކަމަށާއި އުންމީދަކީ ޖެހިފައިވާ ބަލި އަވަހަށް އެނގުން ކަމަށް ވެސް ސުޖާއު ބުންޏެވެ.

އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްތަކެކެވެ. އޭގެ ތެރޭގައި އިންޑިއާގައި ހުރުމަށާއި ކެއުމަށް އާސަންދައިން ލިބޭ ވަރު ނުފުދޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އިންޑިއާއަށް ދިޔުމަށް ވެސް އަދި އެތަނުގައި މަޑު ކުރުމަށް ވެސް ގިނަ ޚަރަދުތަކެއް ހިނގާނެ އެވެ.

ސުޖޫތުއަށް ޖެހިފައިވާ ބަލި ދެނެގަނެވޭނީ ތިޔަ ބޭފުޅުންގެ ވެސް އެހީ އާ އެކުގަ އެވެ. އޭނާ އެދެނީ ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

އަހްމަދު ސުޖާއު އެހީތެރިވުމަށް

ފޯނު ނަންބަރު: 7999203 (ސުޖާއުގެ ނަންބަރު)

7318614 (އަހްމަދު ސުޖާއުގެ އަންހެނުން ޝަރުމީލާގެ ނަންބަރު)

ބީއެމްއެލް އެކައުންޓް ނަންބަރު: 7704441020101 (ސުޖާއު އަންހެނުން ޝަރުމީލާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.