14 Mar 2019, 13:24
ރައްޔިތުންގެ މަޖިލީހުގެ އިދާރީ އަންހެން މުވައްޒިފުންނަށް ވެސް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކޮށްފި އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ވަނީ މަޖިލީހުގެ އިދާރީ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން މުސާރައާ އެކު ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް ފާސްކޮށްފަ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ ހަފްތާގައި ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ މުވައްޒަފުން ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާ ގޮތަށް ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވައިފަ އެވެ. ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރު ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ރައްޔިތުންގެ މަޖިލިސް އިން ބުނީ، މިއަދު އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕާލަމެންޓަރީ ސާވިސްގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ އިދާރީ އަންހެން މުވައްޒިފުނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭގޮތަށް ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދު އިސްލާހުކުރައްވައި ޢާންމު ކޮމިޓީން ފާސްކުރައްވައިފިpic.twitter.com/0JVfzT7Cwn
— People's Majlis (@mvpeoplesmajlis)March 14, 2019
ރައްޔިތުންގެ މަޖިލިސް އިދާރީ މުވައްޒިފުނަށް މެޓާނިޓީ ލީވް އިތުރުކޮށްފައިވާ އިރު، ސަރުކާރުގެ ގިނަ ކުންފުނިތަކުން ވެސް ވަނީ އެ ނިންމުން ނިންމައިފަ އެވެ.
ވިހެއުމާ ގުޅިގެން މީގެ ކުރިން ދެމުން އަންނަނީ، ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ ތިން ދުވަހެވެ.