ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކުން ފެށޭ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތިން ސީޓީއެއްގެ ހިއްސާ އޮންނަ ގޮތަށް އެސްއެމްއީ ބޭންކު އެކުލަވާލައި ލުއި ލޯނި ދޭން ފެށުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އެސްއެމްއީ ބޭންކްގައި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސަންޓްގެ ހިއްސާވެ އެވެ.

ރައީސް ސޯލިހު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ދަތުރުފުޅުގައި ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅު ދައކްވަަމުން ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަމަކީ އެރަށެއްގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައި ދިނުން ކަމަށެވެ.

"އެގޮތުން އެސްއެމްއީ ބޭންކް ހުޅުވައި އިރާދަކުރެއްވިޔާ މިއަންނަ ހަފްތާތެރޭގައި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ދޫކުރެވެން ފެށޭނެ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރެވޭނީ މައި ސަރުކާރުން ބާރުތައް ދޫކޮށްލައި ރައްޔިތުންނާ ވީހާވެސް ކައިރިން ހިދުމަތްތައް ދޭން ފެށުމުން ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.

"އެގޮތުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަން ދީ މާލީ ފުދުންތެރިކަން ދީ. އެރަށެއްގެ ތަރައްގީއަށްޓަކައި އެރަށެއްގެ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރެވި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރެވެމުން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ގާނޫނުތަކަށް ބަދަލުގެނެސް ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެޖެންޑާ 19 އަކަި މުހިންމު އެއްޗެއް ކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ އަދި އެޖެންޑާ 19 ގަބޫލުކުރާ މެމްބަރުން ތިބެންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.