ރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

"ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަދި ސިޔާސީ ދާއިރާގައްޔާއި މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.

ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ މި ފަދަ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށާއި، އެ ގޮތުން ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަ ކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދިވެހިރާއްޖޭގައި ތަޢާރުފުކުރެވިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށެވެ.

އަންހެނުންނަށް ކުރިމަތިވާ މި ފަދަ ދަތިތައް ޙައްލުކުރަން ޖެހޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކާއި އަމިއްލައަށް ކަންކަން އިހުތިޔާރުކުރުމުގެ ފުރުސަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ތަޢުލީމީ އަދި ސިއްހީ ދާއިރާއިން އެ ރޮނގުން ކާމިޔާބީތަކެއް ހޯދައިފައިވާ ކަމަށެވެ.