މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދުތަކުގެ ތަފްސީލް ހުރީ އެޖެންޑާ 19 ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ފެށުމަށް ކެޔޮދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެޖެންޑާ 19 ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ އަދި އެޖެންޑާ 19 ގަބޫލުކުރާ ބޭފުޅުން ތިއްބަވަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ވީ ވައުދުތައް އޭގެ ތަފްސީލަށް ދިއުމަށް ޓަކާ އެމްޑީޕީއިން އެކުލަވާލާފައި އެ އޮތް އެޖެންޑާ 19 އަކީ ވަރަށް މުހިއްމު އެއްޗެއް. އެޖެންޑާ 19 ގައި އެހުރީ ވެރިކަމަށް އައުމަށްޓަކާ އަޅުގަނޑުމެންވީ ވައުދުތަކުގެ ތަފްސީލުތައް،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުށަހަޅާ އިސްލާހުތައް، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި މިކަން ގަބޫލުކުރާ، މިކަމަށް ތާއީދުކުރާ ބަޔަކު [މަޖިލީހުގައި] އެބަ ތިއްބަވަންޖެހޭ،" ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދާއެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ފެށޭނެ ކަމަށާއި އަދި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ތަރައްގީގެ މަޝްރޫއަކީ ވަކި ރަށެއް، ވަކި އަތޮޅެއް އާބާދީގެ ކުޑަބޮޑުމިނެއް ނުބަލައި ގެނެސްދިނުމަށް ވީ ވައުދެއް. އެ ތަަރައްގީ ކުރުމުގައި އެއްވެސް ރަށެއް ބާކީނުކޮށް ގެނެވޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގިިނަ ބަޔެއްގެ މަސައްކަތުން ކަމަށާއި ސަރުކާރު ގެނައުމަށް މަސައްކަތްކުރި އެއްވެސް ބޭފުޅަކަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

"ނިމިދޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑު އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އާއި އަދި ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތުން. އެކަން އަޅުގަނޑު އަބަދުވެސް ހަނދާނުގައި ބަހައްޓާނަން. އަދި އެއިން އެއްވެސް ބޭފުޅަކަށް، އެއްވެސް ޕާޓީ އަކަށް ދެރަ ގޮތެއް ވިޔަކަ އަޅުގަނޑު ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން އެކުގައި މަޖިލިސް އިންތިހާބަށް ނިކުތުމަށް މަޝްވަރާކޮށް އެކަން ކާމިޔާބު ނުވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ ގުޅިގެން މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ވަނީ ނިންމައިފައެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުންވެސް ދެ ފަރާތުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައިވަކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންދަވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ވަޒީރުން ވަނީ ޕީޕީއެމް އަދި ޕީއެންސީގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ފާހަގަކޮށްލެވެއެވެ.