14 Mar 2019, 10:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވ. އަތޮޅަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑިީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މިއަދު ހެނދުނު ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ވ. ކެޔޮދޫ އަށެވެ. އޭގެ އިތުރުން މިއަދުގެ މެންދުރު ފަހު ވ. ފެލިދޫ އަށްވެސް ރައީސް ވަޑައިގަންނަވާނެއެވެ
މި ދަތުރުފުޅުގައި ވ. އަތޮޅުގައި ހުންނަ ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާވެސް ރައީސް ބައްދަލު ކުރައްވާނެއެވެ.
ރައީސް ސޯލިހުގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި ރައީސް ސޯލިހު ނ. އަތޮޅަށާއި ޅ. އަތޮޅަށްވެސް ވަޑައިގަންނަވާނެއެވެ. އެ ދެއަތޮޅަށްވެސް ކުރައްވަނީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރައީސް ވަޑައިގަންނަވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ހުރިހަ ހަރަދެއް ކުރާނީ އެމްޑީޕީ އިން ކަމަށެވެ.