14 Mar 2019, 09:00
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ވާދަކުރެވޭ ސިޔާސީ ބަޔަކު ރާއްޖޭގައި ނެތް ކަމަށް އެޕާޓީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ދަނީ އެޖެންޑާ 19ގެ ދަށުން 19 ކަމެއް ތައާރަފްކޮށް އެކި އެކި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.
ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީވާ ރޭ ވިދާޅުވީ، ކުރިއަށް އޮތް ރަޔިތުންގެ މަޖިލިސް އިންތިހާބަށް ދުރާލާ ރާވައި، އިންތިޒާމްކޮށްގެން ސިޔާސީ ހަރަކާތް ހިންގަނީ އެމްޑީޕީ އެކަނި ކަމަށާއި އިންތިހާބުގައި އެމްޑީޕީއާ ވާދަ ކުރެވޭ އެހެން ސިޔާސީ ބަޔަކު ވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގާ. ރަށުން ރަށުން ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކޮށް އަޑުއަހާފައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެކުލަވާލީ. އެމްޑީޕީގެ ގައުމީ މަޖިލިސް އާއި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންނާއި އަޅުގަނޑުމެން އެއްތަނެއްގައި ތިބެގެން މަޝްވަރާކޮށް، ވޯކްޝޮޕްތައް ބާއްވާގެން، ސިޔާސަތުތަށް އެކުލަވާލައިގެން، ގާނުނުތަކުގެ ޑްރާފްޓް ހަދައިގެން އަޅުގަނޑުމެން ރައްޔިތުންނާ ކުރިމަތިލައިގެން މި ތިބީ،" ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ތިން ވަނަ ދައުރަކަށް ވާދަކުރައްވާ އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ، އެގޮތަށް އިންތިޒާމް ވެގެން ސިޔާސީ ހަރަކާތް ހިންގާ އެހެން ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި އެެހެން ހުރިހާ ސިޔާސީ ޕާޓީތައް ކުރާ މަސައްކަތަކީ ހަމައެކަނި އެމްޑީޕީއަށް ފާޑު ކިޔުން ކަމަށެވެ.
"އެމްޑީޕީއާ ވާދަކުރެވޭ ސިޔާސީ ބަޔަކު ރާއްޖޭގައި ނެތް. އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތްތަކެއް ހިންގަނީ އެމްޑީޕީ އިން އެކަނި،" އިވާ ވިދާޅުވި އެވެ.
އަންނަ މަހު ހަވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް އެމްޑީޕީ އިން ވާދަކުރާ ކެންޑިޑޭޓުން ހޮވާފައި ވަނީ އެޕާޓީގެ މެމްބަރުންގެ މެދުގައި ބޭއްވި ޕްރައިމަރީ އަކުންނެވެ. ހަތްދިހަ ހަތް ދާއިރާގެ ޕްރައިމަރީ ބޭއްވި އިރު، ނުވަ ދާއިރާއަކަށް އެއްމެ ބޭފުޅަކު ކުރިމަތިލާފައި އޮތުމުން ޕްރައިމަރީ ނުބާއްވަ އެވެ.
އެމްޑީޕީގެ ބައެއް ޕްރައިމަރީތަކުގައި ނުފޫޒު ފޯރުވި ކަމަށް ބުނެ، 4 ބޭފުޅަކު ވަނީ އެ ޕާޓީ އިން ވަކިވެ، އަމިއްލަ ގޮތުން ކުރިމަތި ލައްވައިފައެވެ.
ނިލަންދޫ ދާއިރާ ފިޔާވައި ހުރިހާ ދާއިރާއަކަށް އެމްޑީޕީ އިން މިފަހަރު ވާދަ ކުރެ އެވެ.