މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫއުތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު އދ. މަހިބަދޫ ކައުންސިލުން އެ ކައުންސިލުގެ ކަންބޮޑުވުންތައް ހިިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި ބެއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މަހިބަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހާ ވަނީ ހިއްސާ ކުރެއްވާފައެވެ.

އެގޮތުން، ރައްކާތެރި ގޮތެއްގައި ކުނި ނައްތައިލާނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން އެކި ގޮތްގޮތުން ކުރިމަތިވަމުންދާ މައްސަލަތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ބޯހިޔާވަހިކަން ދަތިވެފައިވުމުގެ ސަބަބުން އިޖުތިމާއީ ގޮތުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަންވެސް މަހިބަދޫ ކައުންސިލުން ރައީސް އަރިހުގައި ދެންވިއެވެ.

ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަންވެސް އަބަހުރި ކަމަށް ކައުންސިލް މެމްބަރުން ރައީސްއަށް ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައިސް ސޯލިހު ވިދާޅުވީ ރަށްރަށުގައި ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހް ދިއްފުށީ ކައުންސިލާ ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިއަހަރު ބަޖެޓްގައި މަހިބަދޫ އަށް ކަނޑައަޅާފައިވާ މަޝްރޫއުތައް:

  • މަހިބަދޫ ސްކޫލް 12 ކުލާސްރޫމް - 7،800،000 ރުފިޔާ

ބަނދަރު ހެދުން - 1،678،030 ރުފިޔާ

މަގުހެދުން ރިޓެންޝަން - 694،305 ރުފިޔާ

ރައީސް ސޯލިހު މިއަދު މަހިބަދޫ ކައުންސިލާ ބައްދަލުކުރެއްވި އިރު، ރައީސް ސޯލިހު ވަނީ ކ. ދިއްފުށި ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.