ކ. ދިފުއްށީގައި ޒުވާނުންނަށް ހާއްސަކޮށްގެން އިޖުތިމާއީ މަރުކަޒެއް އެޅުމަށް އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އެދެފި އެވެ.

މިއަދު ކ. ދިއްފުށި ކައުންސިލުން ވަނީ އެ ކައުންސިލްގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް ސޯލިހާ ބައްދަލު ކުރައްވާފައެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުން ވަނީ ކައުންސިލުން ރަށު ގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، އެ ރަށުގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ކައުންސިލް އިމާރާތުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށާއި، ރަށް ގިރުމުގެ މައްސަލައާއި، ރަށަށް ވަންނަ ނެރު ބެދެމުންދާ މައްސަލަ މެންބަރުން ފާހަގަކުރެއްވެވިއެވެ. އަދި މެންބަރުންވަނީ ރަށުން ގޯތި ދޫކުރެވޭނެ ޖާގަ ނެތުމުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވަން ކައުންސިލުން ވަނީ ރައީސް ސޯލިހްގެ އަރިހުގައި އެދިފައެވެ.

މީގެ އިތުރުން ރަށަށް އޭޓީއެމް ގެ ޚިދުމަތާއި، ހެލްތު ސެންޓަރަށް ބޭނުންވާ ވަސީލަތްތައް އަދި ސްކޫލަށް ދަތިވެފައިވާ ކަންތައްތައް މެންބަރުން ހިއްސާ ކުރެއްވިއެވެ.

އަދި ރަށުގެ ޒުވާނުން ބޭނުންކުރުމަށް އިޖުތިމާއީ މަރުކަޒަކާއި ރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމު ކޮށްދިނުމަށް ވެސް ކައުންސިލު މެންބަރުން އެދިވަޑައިގެންފައިވެއެވެ.

ރައީސް ސޯލިހް ދިއްފުށީ ކައުންސިލާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މިބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ، ދިއްފުށީ ކައުންސިލުން އެދިފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.

ދިއްފުއްޓަށް މިއަހަރު ބަޖެޓްގައި ކަނޑައަޅާފައިވާ މަޝްރޫއުތައް:

  • ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް، ލެބޯޓަރީ ތަރައްޤީކުރުން - 5،000،000 ރުފިޔާ

  • ސްޕޯޓްސް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން - 70،336 ރުފިޔާ
  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން - 2،000،000 ރުފިޔާ

ދިއްފުށީ ކައުންސިލުން މިއަދު ރައީސް ސޯލިހާ ބައްދަލު ކުރެއްވި އިރު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.