13 Mar 2019, 16:05
މަޖިލިސް ކެމްޕެއިން ދަތުރުފުޅުތަކުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި އެމްއެންޑީއެފް އިން އެގޮތަށް އެދޭތީ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
ރައިސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ދަތުރުފުޅުތަކުގައި ރިޔާސީ ލޯންޗުކޮޅު ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން ކ. އަތޮޅު ދިއްފުއްޓަށާއި އައްޑޫ ސިޓީ އަށް ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅުގައި ރިޔާސީ ލޯންޗުކޮޅު ވަނީ ބޭނުން ކޮށްފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ފާޑު ކިޔާފައެވެ.
ފާޑު ކިޔުންތަކާ ގުޅޭގޮތުން ހޫދު މިއަދު "ސަން" އަށް ވިދާޅުވީ، އެކަން ކުރައްވަނީ ރައީސް ސޯލިހް އެކަމަށް އެދޭތީ ނޫން ކަމަށާއި އެމްއެންޑީއެފް އިން ސަލާމަތީ ސަބަބުތަކަށްޓަކައި އެގޮތަށް ބޭނުންވާތީ ކަމަށެވެ.
"ލޯންޗު ބޭނުން ކުރަނީ އެމްއެންޑީއެފް އިން އެގޮތަށް ބޭނުން ވާތީވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި އެބޭފުޅުން ނިންމަވާފައިވާ ނިންމުމެއް. ހުޅުދޫއަށް ވަޑައިގެންނެވި އިރުވެސް އެމްޑީޕީން ވަނީ ލޯންޗެއް ހޯއްދަވާފައި. ނަމަވެސް ސެކިއުރިޓީ ބޭފުޅުން ނިންމަވާނީ ކޮން ލޯންޗެއްތޯ ބޭނުން ކުރައްވާނީ،" ހޫދު ވިދާޅުވިއެވެ.
ރައީސް ސޯލިހް ބައިވެރިވެވަޑައިގަތަސް ކެމްޕެއިން ދަތުރުފުޅެއްގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަ ޖެހިފައިވަނީ އެމްޑީޕީން ކަމަށް މީގެ ކުރިން އެ ޕާޓީން ވެސް އަދި ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.
ހޫދު ވިދާޅުވީ، ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ސެކިއުރިޓީންގެ ހުރުމާ ޓީކެޓް ހަރަދުވެސް ކުރެއްވީ އެމްޑީޕީން ކަމަށެވެ.
"ރައީސް އައްޑޫއަށް ވަޑައިގެންނެވި އިރުވެސް ރައީސްގެ އަރިހުގައި ތިއްބަވާ ސެކިއުރިޓީންގެ ޓިކެޓާއި ހުރުން ވެސް ބެލެހެއްޓީ އެމްޑީޕީން،" ހޫދު ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރައްވާތީ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔުން އަމާޒުކުރަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ރިޔާސީ ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތަކުންވެސް ފާޑު ކިޔުން އަމާޒުކުރިއެވެ.
ނިލަންދޫ ދައިރާ ފިޔަވާ ހުރިހާ ދާއިރާ އަކަށް ވަދަކުރައްވާ އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައި ރައީސް ސޯލިހް މާދަމާ ތިން އަތޮޅަކަށް ދަތުރު ފައްޓަވާނެއެވެ. އެގޮތުން މާދަމާ ވާވު އަތޮޅަށް ވަޑައިގަންނަވާ އިރު، ހުކުރު ދުވަހު ރައީސް ސޯލިހް ވަޑައިގަންނަވާނީ، އެމަނިކުފާނު ނިސްބަތްވާ ޅ. އަތޮޅަށެވެ. އަދި ހޯމަ ދުވަހު ނ. އަތޮޅަށް ރައީސް ވަޑައިގަންނަވާނެއެވެ.