އެންމެ ފަހުގެ ޓެކްނޮލޮޖީގެ ރާޑަރެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބަހައްޓައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ "މޯޑް އެސް" ރާޑަރެއް އެއާޕޯޓުގައި ބަހައްޓައި އެ ރާޑަރާ ގުޅޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ރާޑަރަކީ "ޑޭޓާ ލިންކް"އެއް މެދުވެރިކޮށް ދިވެހި އެއާސްޕޭސްގައި އުދުހޭ މަތިންދާބޯޓު ދެނެގަތުމާއި، އެއާ ޓްރެފިކް ކޮންޓްރޯލްއާ ބެހޭ މައުލޫމާތު ބަދަލު ކުރުމުގެ ގާބިލުކަން ލިބިފައިވާ ރާޑަރެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ރާޑަރު ބަހައްޓާފައި ވަނީ ސިނަމާލެ ހައިވޭ ކައިރިން އެއާޕޯޓު ތެރޭގައި ހުރި ޓަވަރެއްގެ މަތީގަ އެވެ. އެ ރާޑަރު ހުރީ ހުދުކުލައިގެ ބޯޅައެއްގެ ސިފައިގަ އެވެ.

ވީއައިއޭގައި އާ ރާޑަރެެއް ބަހައްޓާފައިވާ އިރު އެ އެއާޕޯޓުގައި އާ ކާގޯ ޓާމިނަލަކާއި، ފިއުލް ފާމަކާއި ސީ ޕްލޭން ޓާމިނަލްއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.