14:30


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލައިގެން މަރުވި ކަމަށް ބުނާ މީހާ އަށް އެ ހާދިސާ ހިނގުމުގެ ކުރިން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި ޑޮކްޓަރުންގެ ރިޕޯޓްތައް ލިބޭއިރު އެ ނޫން ގޮތަކަށް އޮވެއްޖެނަމަ ހަށިގަނޑު ބޭރަށް ގެންގޮސްގެން ޕޯސްމޯޓަމް ހަދައިގެން ނަމަވެސް ކަމުގެ ހަޤީޤަތް ހޯދާނެ ކަމަށް އާއިލާ އިން ބުނެފި އެވެ.


ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ގަޔަށް ޕެޓްރޯލް އެޅުމަށްފަހު އަމިއްލަ އަށް ރޯކޮށްލައިގެން މަރުވި ކަމަށް ބުނާ ގައްދޫ، ފުލޫނިޔާގޭ އުމުރުން 22 އަހަރުގެ އިބްރާހިމް އަފްޒަލްގެ ބޭބެ އަހުމަދު ތޮލާލް މިއަދު ބުނީ އެ ދުވަހު އަފްޒަލް ޕޮލިސް ސްޓޭޝަނަށް ގެންދިޔަތާ ގަޑިއެއްގެ އިރުނުވެ، "އަހަރެންނަށް އަނިޔާ ނުކުރާށޭ" އަފްޒަލް ގޮވި އަޑު އިވުނު ކަމަށް އޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ތިބި ބަޔަކު ބުނެފައިވާ ކަމަށެވެ. އަދި ރޯކޮށްލި ހާދިސާ ހިނގުމުގެ ކުރިން އަފްޒަލަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހުރި ކަމަށާއި އެހެންކަމުން ޑޮކްޓަރުންގެ ރިޕޯޓް އައުމުން ނޫނީ އޭނާ އަށް އަނިޔާކޮށްފައިވާކަން ނޭނގޭނެ ކަމަށް ވެސް ތޮލާލް ބުންޏެވެ.


ތޮލާލް އިތުރަށް ބުނީ އަފްޒަލަށް އަނިޔާކޮށްފައިވާނަމަ އާއިލާ އިން އެކަމުގެ ހަޤީޤަތް ހޯދެން އޮތް ގޮތަކުން ހޯދާނެ ކަމަށާއި އޭނާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދިމުގެ ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ތޮލާލް ބުންނެވެ.


މި މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަފްޒަލްގެ އާއިލާ އިން ބޭނުންވާ ގޮތެއްގެ މަތީން އެންމެހާ އިންތިޒާމްތަކެއް ފުލުހުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ޒިންމާވާންޖެހޭ ކަމެއް ވާނަމަ ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހްޤީޤީތަކާއި އަދި ޑޮކްޓަރުންގެ ރިޕޯޓްތަކުން ހާމަވެގެންދާނެ ކަމަށާއި އެކަމުގައި ފުލުހުން ޒިންމާވާންޖެހޭ ކަމެއް ވާނަމަ ފުލުހުން ޒިންމާ ނަގާނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.