13 Mar 2019, 11:15
ލ. ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ތެޔޮ ބޯޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ލ. ކަޅައިދުއަށް ދަތުރުކުރަމުންދިޔަ ތެޔޮބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ރޭ 19:49 ހާއިރު ހިންގި އެ އޮޕަރޭޝަންގައި، ކަޅައިދޫ ބަނދަރަށް ބޯޓު ގާތްކުރި ވަގުތު ފުލުހުން އެބޯޓަށް އަރައި އެމީހުން ހައްޔަރުކޮށް އެބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް އެބޯޓުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.