ވޮޝިންޓަން (މާޗް 13): އެމެރިކާގެ ކެލިފޯނިއާގައި މަރުގެ އަދަބު ދިނުން ހުއްޓާލަން އެސްޓޭޓުގެ ގަވަރުނަރު ގެވިން ނިއުސަމް މިއަދު އަމުރު ކުރައްވާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އެނޫސްތަކުގައިވާ ގޮތުން ގަވަރުނަރުގެ އެއަމުރާ އެކު، 2023ގައި އޭނާގެ ދައުރު ނިމެންދެން ކެލިފޯނިއާގައި މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ އެވެ. އެސްޓޭޓުގައި މަރުގެ އަދަބު ދިނުން ހުއްދަ ކުރާ ގާނޫނު އުވާލެވޭނީ ކެލިފޯނިއާގެ ރައްޔިތުންގެ ވޯޓަކުން އެކަމަށް ރުހުން ދިނުމުންނެވެ.

ނިއުސަމް ގަވަރުނަރު ކަމަށް ވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އަދި މަރުގެ އަދަބު ދިނުން ހުއްޓާލުމަކީ އޭނާގެ ކެމްޕެއިންގެ އެއް ވައުދެވެ.

"އަޅުގަނޑުމެންގެ މަރުގެ އަދަބުދޭ ނިޒާމު ވަނީ ފެއިލްވެފަ. އޭގެ ސަބަބުން އާއްމުންނަށް އިތުރު ރައްކާތެރިކަމެއް ނުލިބޭ އަދި އެހެން ކުށްތައް ނުހުއްޓުވޭ. އޭގެ ސަބަބުން އެތައް ބިލިއަން ޓެކްސް ފައިސާ ވަނީ އިސްރާފުވެފަ،" ގަވަރުނަރު ވިދާޅުވި އެވެ.

ކެލިފޯނިއާގައި 2006 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ދީފައި ނުވެ އެވެ. އަދި އެސްޓޭޓުގައި މަރުގެ އަދަބު ދޭނެ ގޮތާ ބެހޭ ގޮތުން ވަނީ ދެބަސްވުން އުފެދިފަ އެވެ.

ކެލިފޯނިއާއަށް 1978 ވަނަ އަހަރު މަރުގެ ހުކުމް ތައާރަފް ކުރި ފަހުން 900 އަށް ވުރެ ގިނަ މީހުން ވަނީ މަރަން ހުކުމްކޮށްފަ އެވެ. ނަމަވެސް އެހުކުމް ތަންފީޒު ކޮށްފައި ވަނީ 13 މީހުންގެ މައްޗަށެވެ.