13 Mar 2019, 01:03
ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަންހެން މުވައްޒިފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރުކޮށްފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ ހަފްތާގައި ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާގޮތަށް ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވާފައެވެ. ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރު ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
އެލްޖީއޭ ގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެލްޖީއޭގެ އަންހެން މުވައްޒިފުންނަށް ހަ މަސް ދުވަސް އަދި ފިރިހެން މުވަށްޒިފުނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަށް މިއަދު އެ އޮޓޯރިޓީން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަކީ އޭނާ އުފާ ކުރައްވާ ކަމެއް ކަމަށް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އެލްޖީއޭ އިން މުވަޒިފުންގެ މެޓާނިޓީ ލީވް އިތުރު ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ ގިނަ ކުންފުނިތަކުންވެސް ވަނީ އެ ނިންމުން ނިންމަވާފައެވެ.
ވިހެއުމާ ގުޅިގެން މީގެ ކުރިން ދެމުން އަންނަނީ، ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަހެއެވެ.