މާލޭގައި ހަދަމުންދާ އިމާރާތަކުން ބިއްލޫރި ކުޑަދޮރެއް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މިރޭ 7:14 އެހައިކަންހާއިރު އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑުން މާފަންނުގައި ހަދަމުންދިޔަ ގެއެއްގެ ތިން ވަނަ ފްލޯއިން އެލްމިނިއަމް ބިއްލޫރި ދޮރެއް މަގުމައްޗަށް ވެއްޓިފައިވާ ކަމަށެވެ.

އެ ބިއްލޫރި ދޮރު ވެއްޓުނީ ހަދަމުންދާ ފްލޯއެއްގައި ކުޑަދޮރު ހަރުކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ފަހަކަށް އައިސް މާލޭގައި މިފަދަ ހާދިސާތައް ހިނގުން ވަނީ އަންމުވެފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަނގުލަދޭޝްގެ އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.