ދައުޙާ (މާޗް 12) : އެމެރިކާ އާއި އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ގަތަރުގައި ކުރިޔަށްގެން ދިޔަ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ އެވެ.

މި ވާހަކަތަކާ ގުޅުން ހުރި ގަތަރުގެ ދާއިރާތަކުން ބުނީ ވާހަކަތަކަށް ބައެއް ކުރިއެރުންތައް ލިބުނު ކަމަށާ އެމެރިކާއާއި ތާލިބާނުންނަށް އެއްބަސްވުމަކަށް ނާދެވުނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ތާރީޚެއް ކަނޑައެޅުމުގެ މައްސަލާގައި ކަމުގަ އެވެ. ގަތަރު މެދުވެރިއެއްގެ ބައި އަދާކޮށްގެން އެގައުމުގެ ކުރިޔަށްގެންދާ އެމެރިކާއާއި އަފްޣާން ތާލިބާނުންގެ މަޝްވަރާތަކުގެ ތިންބުރު މިހާތަނަށް ވަނީ ބާއްވާފަ އެވެ.

މި ވާހަކަތައް ބިނާވެފައި ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ އަދި ތާލިބާނުން ހަތިޔާރު ދޫކޮށް ސިޔާސީ ޖަމާއަތަކަށް ވުމުގެ އަސާސްގެ މައްޗަށެވެ. މީގެއިތުރުން އަފްޣާން ބިމުގައި އައިއެސް އާއި އަލްގާއިދާ ފަދަ ހަރުކަށި ޖަމާއަތްތައް ފައިހަރުކޮށްލުމުގެ ފުރުސަތު ނުދިނުމަކީ ވެސް ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާ ތާލިބާނުންގެ ކިބައިން އެދޭ އެދުމެކެވެ.

މިކަމަށް ތާލިބާނުން ވަނީ އެއްބަސްވެފަ އެވެ. ސުލްޙައިގެ ވާހަކަތަކުގައި އެއްބަސްވުމަކަށް ނާދެވެނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ތާރީޚަކާއި އަދި ތާލިބާނުން އަފްޣާން ސަރުކާރާ އެކު ސުލްޙައިގެ ވާހަކަތައް ފެށުމާބެހޭ މައްސަލާގަ އެވެ.

އަފްޣާން ސަރުކާރާ އެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ތާލިބާނުން ދެކޮޅު ހަދާތީއާ އަދި ކުރުމުއްދަތެއްގެ ތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ތާލިބާނުން ޝަރުތުކުރާތީ މިވާހަކަތައް އެއްބަސްވުމަކާ ހަމައަށް ދާގޮތް އަދި ވެސް ވަނީ ނުވެފަ އެވެ. އަފްޣާން ސަރުކާރާއި ތާލިބާނުން ސުލްޙަ ވުމުގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފާބައިފިނަމަ ދުވަސްކޮޅެއްގެ ތެރޭގައި ތާލިބާނުން އަފްޣާން ސަރުކާރު ވައްޓާލައި ތާލިބާނުންގެ ސަރުކާރެއް އަފްޣާނިސްތާނުގައި ގާއިމްކުރާނެ ކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރެ އެވެ.

އެމެރިކާ ތާލިބާނުންނާ ސުލްހައިގެ ވާހަކަތައް ދެއްކި ނަމަވެސް އެމެރިކާ އަދިވެސް ތަލިބާނުން ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ. (ނޫސްއެޖެންސީތައް)