މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވެސް އެ ކުންފުނީގެ މުވައްޒިފުންނަށް ވިހެމުން ދޭ ޗުއްޓީ މުސާރައާއެކު ހަ މަސް ދުވަހަށް އިތުރު ކޮށްދީފިއެވެ.

މޯލްޑިވްސް ގޭސްއިން ބުނީ ވިހެއުމުން ހަ މަހުގެ ޗުއްޓީ މަންމައިންނަށް އަދި ބައްޕައިންނަށް އެއް މަހުގެ ޗުއްޓީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދޭ ގޮތަށް ނިންމައި އެގޮތަށް އަމަލުކުރަން ފަށައިފައިވާ ކަމަށެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާގޮތަށް ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވާފައެވެ.

ވިހެއުމާ ގުޅިގެން މުސާރަ ހިނގާގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ސިވިލް ސާވިސްގެ އަންހެން މުވައްޒިފުންނަށް ހަމަހުގެ މެޓާނިޓީ ލީވް ދޭން ނިންމިއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް މިހާރު ވަނީ އެގޮތަށް އަމަލުކުރަން ނިންމައިފައެވެ.

އެގޮތުން އެސްޓީއޯ، އެމްޕީއެލް، އަދި އެއާޕޯޓްސް ކޮމްޕެނީއިންވެސް މިހާރު ވަނީ އެގަވައިދަށް އަމަލުކުރަން ފަށައިފައެވެ.