12 Mar 2019, 18:57
ކޮރަލް ބޮލެވާޑް ފްލެޓުތަކުގެ މަސައްކަތަށް ރަސްފަންނާ ދިމާލުން ބަންދު ކުރި ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލައިފި އެވެ.
ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ވީ ދިމާލުން ބޮޑު ބައެއް ބަންދުކޮށްފައިވަނީ 'ކޮރަލް ބޮލެވާޑް' މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ 28 ބުރީގެ ހަތަރު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.
އެހެންނަމަވެސް، މިއަދު އެ ސަރަހައްދު ހުޅުވާލައި ހައުސިން މިނިސްޓްރީން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ ކޮރަލް ބޮލްވާޑް އެޕާޓްމެންޓުތައް އަޅަން ދޫކޮށްފައިވާ ސަރަަހައްދުން ބަންދުކޮށްފައިވާ މަގު ހުޅުވާލަން ނިންމީ ޓްރާންސްޕޯޓު މިނިސްޓްރީ އިން މާލޭގެ މަގުތަކުގެ ހާލަތު ބެލުމަށް ފަހު ކަމަށެވެ.
ކޮރަލް ބޮލެވާޑްގެ މަސައްކަތްތަކަށް ބަންދުކޮށްފައިިވާ ބޮޑުތަކުރުފާނުމަގު ރަސްފަންނު ސަރަހައްދު އާއްމުކޮށް ހުޅުވާލައިފި.pic.twitter.com/qwlnMdWcr9
— housing.gov.mv (@HousingGovMv)March 12, 2019
"އެ ސަރަހައްދުގައި ބަންދުކޮށްފައި އޮންނަ މަގުގައި އެއްވެސް މަސައްކަތެއް ނުކުރޭ. އެހެންވީމާ މިހާރު ނިންމާފައިވަނީ އެ މަގުން ބަންދުކޮށްފައި އޮންނަ ސަރަހައްދު ހުޅުވާލަން. އެތަން ހުޅުވާލައިގެން ރިންގު ރޯޑުވެސް ފުރިހަމަވާނީ،" އޮފިޝަލު ވިދާޅުވިއެވެ.
މާލެ ވަށައިގެން ދުއްވޭނެހެން ރިންގް ރޯޑު ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ރަސްފަންނުގައި އަޅަން ނިންމި ކޮރަލް ބޮލެވާޑް މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަން މަޝްވަރާކުރަމުންދާ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފަ އެވެ. އަދި މާލޭގައި އިތުރު އެއްވެސް ހައުސިން މަޝްރޫއެއް ކުރިއަސް ނުގެންދިއުމަށްވެސް މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.