12 Mar 2019, 19:35
އެޗްޑީސީ އިން މިހާރު ހުޅުމާލޭގައި ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ތެރެއިން މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަމަށް މާލޭ ސިޓީކައުންސިލްގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ސިފާ ރޭ ވިދާޅުވީ ސިޓީކައުންސިލްގެ މަސައްކަތްތައް ހުޅުމާލޭގައި ހިންގުމަށް އެޗްޑީސީ އިން ބިން ލިބިފައިވާ ކަމަށެވެ.
ސަން އާ ވާހަކަ ދައްކަވަމުން ސިފާ މިއަދު ވިދާޅުވީ އެޗްޑީސީއާއެކު މިހާރު ކުރަމުންދަނީ ގާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ. މި މަސް ނިމޭއިރު އެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށް ސިފާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަސް ސްޕޭސްވެސް ލިބިފައި އޮތީ. އެކަމަކު އެކަން ކުރެވެނީ މަރާމާތުވެސް ކޮށްގެން. އައުޓް ސޯސް ކުރަންޖެހޭ މަސައްކަތްތައް ވެސް އެބަހުރި،"
ސިފާ ވިދަޅުވީ ސިޓީކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ކަންތައްތައް ބެލެހެއްޓުމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ އިސްކަންދޭނީ އިމާރާތްކުރުމުގެ ގަވާއިދަށް ނުފެތޭ ތަންތަން ގަވާއިދަށް ފެއްތުމަށް ކަމަށެވެ.
"އެޗްޑީސީގައިވެސް އެބަތިބި ބައިވަރު ޓެކްނިކަލް މީހުުން. ދެބައި އެކުވެގެން މަސައްކަތް ކުރާކަހަލަ ގޮތަކަށް ވިސްނާފައި މިއޮތީ،"
މީގެ އިތުރުން މާލެ އާއި ވިލިމާލޭގައި އާ މާރުކޭޓުތައް އެޅުމަށް ނިންމާފައިވާކަންވެސް ސިފާ ރޭ އިއުލާނު ކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން ސިފާ މިއަދު ވިދާޅުވީ މާލޭގެ މަސްމާރުކޭޓު ހުންނަންޖެހޭ ސަރަހައްދުގައި މިހާރު ހުރީ މާލޭގެ ލޯކަލް މާރުކޭޓު ކަމަށާއި މަސް މާރުކޭޓް އެޅުމަށްއެނޫން ތަނެއް ނެތް ކަމަށެވެ. މާރުކޭޓުގެ މަސައްކަތް ފެށެން އަންނަނީ ލޯކަލް މާރުކޭޓު ހިންގަން އެހެން ބިމެެއް ލިބުނުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މާލެއަށް މިވަގުތުން މިވަގުތަށް އެންމެ މުހިއްމީ ސާފުތާހިރު، ޒަމާނީ މަަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް،"
ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ވިލިމާލޭގައިވެސް މާރުކޭޓޭއްގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށް ސިފާ ވިދާޅުވިއެވެ. މި މަރުކޭޓުގައި ލޯކަލް މާރުކޭޓޭއްގެ އިތުރުން މަސް މާރުކޭޓެއްވެސް ހުންނާނެ ކަމަށް ސިފާ ވިދާޅުވިއެވެ.