ސޯލް (މާޗް 12): އުތުރު ކޮރެއާގެ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 99.99 ޕަސެންޓު މީހުން ވޯޓު ދިން ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

މީގެ ފަސް އަހަރު ކުރިން އުތުރު ކޮރެއާގެ ސުޕްރީމް ޕީޕަލްސް އެސެމްބްލީއަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބުގައި 99.97 ޕަސެންޓު މީހުން ވޯޓު ދިނެވެ. އަދި 100 ޕަސެންޓު މީހުންނަށް ވޯޓު ނުދެވެނީ ގައުމުން ބޭރުގައި ބައެއް މީހުން މަސައްކަތް ކުރާތީ ކަމަށް ދައުލަތުގެ މީޑިއާ ކޭސީއެންއޭއިން ބުންޏެވެ.

އެއިންތިހާބުގައި އުތުރު ކޮރެއާގެ ކޮންމެ ދާއިރާއަކުން ކުރިމަތިލަނީ އެންމެ ކެނޑިޑޭޓެކެވެ. އަދި ހުރިހާ ދާއިރާކުންވެސް ވަނީ ވޯޓު ކަރުދާހުގައި އޮތް ނަމަށް ރުހުން ދީފަ އެވެ.

ނަމަވެސް މިފަހަރު ޕާލިމެންޓަށް އިންތިހާބުވި 687 މެމްބަރުންގެ ލިސްޓުގައި ލީޑަރު ކިމް ޖޮންގް އުންގެ ނަން ހިމަނާފައި ނުވެ އެވެ. މީގެ ކުރިން ކިމް ހުންނެވީ ބައްޕާފުޅު، ކިމް ޖޮންގް އިލްގެ ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮތުގަ އެވެ.

ބައެއް ފަރާތްތަކުން ރިޕޯޓު ކުރާ ގޮތުގައި އެއީ އުތުރު ކޮރެއާއަކީ އެހެން ގައުމުތަކާ އެއްގޮތް ގައުމެއް ކަން ދެއްކުމަށްޓަކައި އެވެ. އަދި ކިމް ވެރިކަން ކުރާ ވޯކާސް ޕާޓީގެ ޗެއާމަންގެ ގޮތުގަ އާއި ސްޓޭޓް އެފެއާސް ކޮމިޝަނުގައި އިސްކޮށް ހުންނަވާ އިރު މަޖިލިސް މެމްބަރުކަން އަދާ ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށް އެހެން ގައުމުން ނުދެކޭނެތީ އެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކުގެ ތެރޭގައި ކިމްގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގްވެސް ހިމެނެ އެވެ.